މަކަރާއި ހީލަތުން ހަތަރުލައްކަ ރުފިޔާ ނެގި މީހަކު، އެ ފައިސާ އޭގެ ވެރިފަރާތަށް އަނބުރާ ދައްކައި ޚަލާސްކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފުލުހުންގެ އިދާރާއަށް، ހަތަރުލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއް ލިބުނު ކަމަށެވެ.

އެ ޝަކުވާ ލިބުމުން، މައްސަލައިގައި ތުހުމަތުވާ މީހާއާ ފުލުހުން ސުވާލުކުރުމުން، އެ މީހާ ކުށަށް އިއުތިރާފުވި ކަމަށް، ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވި ކަމަށާއި، ފައިސާ ނެގި މީހާ، ފައިސާގެ ވެރި ފަރާތަށް ފައިސާ އަނބުރާ ދައްކައި، ޚަލާސްކޮށްފައިވާކަމަށް ވެސް، ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މަކަރާއި ހީލަތުން ފައިސާ ނަގާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިދިޔަ އާދީއްތަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 43 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އަދި 433،425 ރުފިޔާ ގެއްލިފައިވާ ކަމާއި، އޭގެން ހޯދުނީ 87،864 ރުފިޔާ ކަމަށްވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ.

ރާއްޖޭގައި އާންމު ސްކޭމްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްގެން ހިންގާ ސްކޭމްތަކެވެ.