މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ނެރުނު ރިޕޯޓަކީ މާޒީދޫކޮށް ދިވެހިން ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމަށް ކޮމަންވެލުތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝްސަރުމާ ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ހާއްސަ ސަފީރު ސާ، ޑޮނަލްޑް މެކެނަން ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތު ސެކްރެޓޭރިއަޓުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަކުން ވެސް އެއެއްވެސް ޝަރުތެއް ނެތި ކޯނީގެ ރިޕޯޓް ގަބޫލުކުރީތީ ސާ ޑޮނަލްޑް އުފާފުޅުކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ހައްލުކުރަން ޖެހޭ މައްސަލަތަކާ ގުޅިގެން އަމަލުކުރަން ފެންނަ ގޮތްތަކެއް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްދީފައިވޭ، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ މުހިއްމު އިސްލާހުތައް ގެނައުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އަޑުއިވުމުން އަޅުގަނޑު މިހިރީ ވަރަށް އުފާވެފައި،" ސާ ޑޮނަލްޑް ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

ސާ ޑޮނަލްޑް އަދި ވިދާޅުވެފައި ވަނީ ޑިމޮކްރަސީއަކީ ހަމަ އެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ހުރިހާ މުއައްސަސާއަކާއި ހުރިހާ ފަރުދުންގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ހަރުދަނާ ކުރުމަށް ދިވެހިސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް ކޮމަންވެލްތު އޮތީ ތައްޔާރަށް ކަމަށެވެ.

"ޕާލަމެންޓްރީ ކޮމިޓީތަކުގެ މަސައްކަތް އަވަށް ފަށާތީ އަދި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލީސް އަލުން ހުޅުވާތީ ވެސް އަޅުގަނޑު މިހިރީ ހިތްހަމަ ޖެހިފައި،" ސާ ޑޮނަލްޑް ވިދާޅުވެފައިވެ އެވެ.

ސިޔާސީ ގޮތުން ވެފައިވާ ބައިބައިވުން ނައްތާލުމަށް އެންމެހާ ރައްޔިތުން މަސައްކަތް ކުރުމަށް ސާ ޑޮނަލްޑް ވަނީ ހިތްވަރުދެއްވާފަ އެވެ.

"ޑިމޮކްރަސީއަކީ މަންޒިލެއް ނޫން، އެއީ ދަތުރެއް، ސިޔާސީ ޕާޓީތަކާއި ވަކިވަކި ފަރުދުން ވެސް އެ ދަތުރުގެ ބައިވެރިވުމަކީ އެމީހުންގެ ކަމެއް ކަމަށް ހަދާނެ." ސާ ޑޯނަލްޑް ވިދާޅުވެފައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އޮޅުން ބޮޅުން ބޮޑު ގޮތަކަށް ރާއްޖޭގެ ވެރިކަން ބަދަލވުމާ ގުޅިގެން ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް) އިން ރާއްޖެ ވަނީ އެގުރޫޕުގެ ފޯމަލް އެޖެންޑާގައި ރާއްޖެ ހިމަނައިފަ އެވެ. އަދި ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއަށް ބަދަލުގެނެސް އެ ކޮމިޝަންގައި ބައިނަލް އަގުވާމީ ކޯ ޗެއާއަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ހިމެނުމަށް އެގުރޫޕުން ގޮވާލި އެވެ.

ސީމެގުން ލަފާދިން ގޮތަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އަލުން އެކުލަވާލައި އެކޮމިޝަންގެ ރިޕޯޓް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އާއްމުކުރުމުން އެ ރިޕޯޓްގައިވާ ހޯދުންތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރުމަށް ކޮމަންވެލްތުން ގޮވާލި އެވެ. ނަމަވެސް ސީމެގްގެ އެޖެންޑާ އިން ރާއްޖެ އަދި ނަގާފައެއް ނުވެ އެވެ. ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސީމެގްގެ ބައްދަލުވުމެއް މިމަހުގެ 28 ވަނަ ދުވަހު ލަންޑަންގައި އޮންނާނެ އެވެ.