12 Sep 2012, 17:26
ލީޑާސް ޑައިލޮގްގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ އިސްތިއުފާ ދެއްވީ ރައީސް ވަހީދުގެ ހުދުމުހުތާރު ކަމާއި ގޮތްދޫ ނުކުރެއްވުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ ހަތަކަށް ފަހު ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ވިލަރެސްވެރިޔާ މުޖުތަބާ މިއަދު އެ މަގާމުން އިސްތިއުފާދެއްވި ކަން އިއުލާން ކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުން އިސްތިއުފާދެއްވީ "ސަރުކާރުގައި ނުހިމެނޭ ޕާޓީ [އެމްޑީޕީ] މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާތީ އާއި ޕާޓާތަކުގެ މެދުގައި ވާހަކަ ދައްކަން ބޭނުންވާނަމަ ރައްޔިތުން މަޖިލީހުގެ ތެރެއިން ވާހަކަ ދެއްކިދާނެ ކަމަށް ދެކިވަޑައިގެން،" ކަމަށެވެ.
މުޖުތަބާ އެހެން ވިދާޅުވެފައި ވަނިކޮށް އެމްޑީޕީގެ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ބަނޑޮހުގައި މަޝްވަރާ ބައްދަލުވުންތައް ފަށަމުން ރާއްޖޭގެ ސިޔާސީ މަސްރަހު ފިނި ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށެވެ.
މަޖިލިސް ތަމްސީލު ނުކުރާ ޕާޓީތަކަށް މަޝްވަރާތަކުގައި ބައިވެރި ނުވެވޭ ގޮތަށް ނިންމާފައިވީ ނަމަވެސް ސަރުކާރުން މަޝްވަރާތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށާއި އޭގެ ފަހުން ރައީސް ވަހީދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހަގީގަތަށް ނުބައްލަވައި، ލީޑާސް ޑައިލޮގްގެ އެޖެންޑާއަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"ޕާޓީތަކުގެ މެދުގައި ބަހުސް ކުރުމަށް އެއްބަސްވެފައިވާ އެޖެންޑާ އަކީ ސަރުކާރުން ވެސް މަރުހަބާ ކިޔާފައިވާ އެޖެންޑާއަކަށް ވެފައި ވަނިކޮށް، ކުރިން [ރައީސް] ވަހީދު ބަނޑޮހުގައި ވިދާޅުވެފައިވާ ވިދާޅުވުމަށް އެއްވެސް އިހުތިރާމެއް ނުކުރައްވައި، ލީޑާސް ޑައިލޮގްގެ އެޖެންޑާއަށް ފަހުން ފާޅުގައި ދެކޮޅު ހެއްދެވުމުގެ ނަތީޖާއަކީ އެ މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ [އަހުމަދު] މުޖުތަބާ އިސްތިއުފާ ދެއްވުން. އެ އިސްތިއުފާއިން ދައްކައިދެނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލުކުރުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް ވަހީދުގެ ޚުދުމުހުތާރު ކަމާއި، ގޮތް ދޫނުކުރެއްވުމުގެ ސަބަބުން އެ މަސައްކަތް ކުރިޔަށް ގެންދެވެން ނެތްކަން،" މޫސަ ވިދާޅުވެފައިވެ އެވެ.
ރައީސް ވަހީދު ވެރިކަމުގައި ހުންނެވީ ގަދަ ބާރުން ކަމަށާއި މޭޒުދޮށުގައި ވާހަކަ ދައްކައިގެން ކަންކަމުގެ ހައްލު ހޯއްދަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ މޫސާ ވަނީ ރައީސް ވަހީދަށާއި ސަރުކާރަށް ފާޑު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ކުރިއަށްގެންދާ އޯލްޕާޓީ ޓޯކްސްގެ ވިލަރެސްވެރިހާ މުޖުތަބާ އެ މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެން ސަރުކާރުން ބުނެފައި ވަނީ މަޝްވަރާތައް ދެން ކުރިއަށް ނުދާނެ ކަމަށާއި އެ ކަންތައްތަކަށް ހައްލު ހޯދަން ޖެހޭނީ މަޖިލީހުގެ ތެރެއިން ކަމަށެވެ.
މޫސަގެ އެވާހަކަތަކާ ގުޅިގެން ސަރުކާރު ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ މުޖުތަބާގެ ސިޓީގައި އިސްތިއުފާ ދެއްވި ސަބަބު ވިދާޅުވެފައިވާ ކަމަށެެވެ. އަދި މޫސަ އެގޮތަށް ވާހަކަ ދެއްކެވީ ސަރުކާރުން ވާހަކަ ދައްކަން ބޭނުންނުވާކަން ދައްކަން ކަމަށެވެ.
"[މޫސަގެ ވާހަކަތަކާމެދު] ސަރުކާރަށް ގަބޫލު ކުރެވެނީ އިތުރަށް ދުނިޔޭގެ ޖަމާއަތްތައްކުން ވާހަކަ ދެއްކުމަށް ސަރުކާރަށް ގޮވާލުން ނުވަތަ ސަރުކާރުން ވާހަކަ ދައްކަން ބޭނުންނުވާ ކަން ދެއްކުން ކަމަށް. އެކަމަކު ވާހަކަތައް މަޖިލީހުގެތެރޭ ކުރިއަށްދާނެ ކަމަށް އުއްމީދު ކުރަނީ. އެމްޑީޕީ ބައިވެރި ނުވާނަމަ ހުރިހާ ޕާޓީތަކުގެ ވާހަކައެއް ކުރިއަށް ނުގެންދެވޭނެ،" އައްބާސް ވިދާޅުވި އެވެ.