އެމްޑީޕީގެ ތިން ދާއިރާއެއްގެ ހުސްވެފައިވާ މަގާމް ތަކަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އެޕާޓީން ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތްކުރައްވާ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަހުމަދު އަކުރަމާ ހަވާލާދީ އެޕާޓީގެ ވެބްސައިޓްގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފައިވަނީ އެމްޑީޕީ ހދ. ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބުކުރުމާއި ށ. ކަނޑިތީމު ދާއިރާގެ ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމާއި އަދި ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ކަމަށެވެ.

މި އިންތިހާބްތަކުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 ން ފެށިގެން ހަވީރު 4 އަށް މާލެ އާއި އަތޮޅުތަކުގަ އެވެ. ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލައި ނިމުމުން ވޯޓް ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހދ.މާވައިދޫ ނިރު އަގުމަދު އުސާމަތު އެވެ. އެމްޑީޕީ ށ.ކަނޑިތީމު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ށ. ކަނޑިތީމު ދޯދި، އަހުމަދު އާތިފު އެވެ. އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަނީ މ. ސަނީ ކޯސްޓް މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) އެވެ.

އެމްޑީޕީގެ އެ އިންތިހާބު މާލޭގައި ވޯޓުލުން ކުރިޔަށްދާނީ އެމްޑީޕީ އޮފީހުގައި ކަމަށާއި އެ ތިން ދާއިރާގައި ހިމެނޭ ރަށްރަށުގައި ވޯޓުލުން ކުރިޔަށް ގެންދާނޭ ތަނެއް ހަމަޖައްސާނީ އެ ދާއިރާއެއްގެ އެމްޑީޕީ ދާއިރާ އޮފީހުން ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.