ލަތާ އާއި އާޝާގެ ހަނދާނުގައި ހޮސްޕިޓަލެއް ބިނާކުރަން އާއިލާއިން ނިންމައިފި
ލަތާ އާއި އާޝާގެ ހަނދާނުގައި ހޮސްޕިޓަލެއް ބިނާކުރަން އާއިލާއިން ނިންމައިފި

މިދިޔަ އާދީއްތަ ދުވަހު މަރުވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އާއި މީގެ ހަތަރު އަހަރު ކުރިން ދުނިޔެ ދޫކޮށްފައިވާ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ ހަނދާނުގައި، ބޮޑު ހޮސްޕިޓަލެއް ބިނާކުރުމަށް އެ އާއިލާއިން ނިންމައިފިއެވެ.

އެކަން އިއުލާނުކޮށްފައި ވަނީ ލަތާ އާއި އާޝާގެ ކޮއްކޮ ހިރިދަޔަނާތު މަންގޭޝްކަރްއެވެ. މި މަޝްރޫއާ ބެހޭގޮތުން ހިރިދަޔަނާތު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ހޮސްޕިޓަލް ވާނީ އޭޝިއާ ސަރަހައްދުގައި ބިނާކުރާނެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށެވެ.

މިއުޒިކީ ދާއިރާއިން މުޅި ދުނިޔެއަށް މަޝްހޫރުވި ލަތާ އާއި އާޝާގެ ހަނދާނާއި ޒިކުރާ އާކުރުމަށްޓަކައި ޤާއިމުކުރާ، މި ހޮސްޕިޓަލް ބިނާކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ކަމަށް ވެސް ހިރިދަޔަނާތު މަންގޭޝްކަރް ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

"ލަތާ-އާޝާ މަންގޭޝްކަރް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް"ގެ ނަމުން ނަންދީފައިވާ މި ހޮސްޕިޓަލަކީ 1000 އެނދުގެ، ސާޖަރީގެ ހާއްސަ ފަރުވާތައް ދޭ (ސުޕަ ސްޕެޝަލިޓީ) ހޮސްޕިޓަލެއް ކަމަށާއި މިއީ އިންޑިއާގައި މިހާތަނަށް ބިނާކުރާ އެންމެ ޒަމާނީ އެއް ސާޖިކަލް ހޮސްޕިޓަލަށް ވެގެންދާނެ ކަމަށް ހިރިދަޔަނާތުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ލަތާ މަންގޭޝްކަރް އަދި އާޝާ ބޯސްލޭ އާއިލާގެ މެމްބަރުންނާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ފަހެއް ޖަހާއިރު، ސިންހަގަޑް ރޯޑްގައި ހުންނަ ނަންދޯޝީގައެވެ. މި ރަސްމިއްޔާތުގައި މަހާރާޝްތްރާގެ ޗީފް މިނިސްޓަރު ދޭވޭންދުރަ ފަދުނަވިސް އާއި، ޑެޕިއުޓީ ޗީފް މިނިސްޓަރުން ކަމަށްވާ އެކްނާތު ޝިންޑޭ އަދި ސުނެތުރާ ޕަވާރު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އާރުއެސްއެސްގެ ވެރިޔާ ޑރ. މޯހަން ބަގްވަތުއެވެ.

އުމުރުން 92 އަހަރުގައި އާޝާ ބޯސްލޭ މަރުވެފައި ވަނީ މޭގައި އުފެދުނު އިންފެކްޝަނަކަށް މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ދުނިޔޭގެ މިއުޒިކުގެ ތާރީޚުގައި އެންމެ ގިނަ ލަވަ ރެކޯޑުކުރި ފަންނާނުގެ ޝަރަފު ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން އާޝާއަށް ދީފައިވާއިރު އާޝާގެ ކުރިން މި ރެކޯޑު ލަތާ ވެސް ގާއިމުކުރިއެވެ.

އިންޑިއާ ސަރުކާރުން ވަނީ އާޝާ އާއި ލަތާގެ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ސިނަމާގެ ދާއިރާއިން ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ ދާދާސާހެބް ފާލްކޭ އެވޯޑް އަދި އިންޑިއާގެ ދެވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ ޕަދްމާ ވިބޫޝަން ވެސް އަރުވާފައެވެ. މީގެއިތުރުން ލަތާއަށް ވަނީ އިންޑިއާގެ ސަރުކާރުން އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ "ބާރަތު ރަތުނާ"ގެ ޝަރަފު ވެސް އަރުވާފައެވެ.

"ނައިޓިންގޭލް އޮފް އިންޑިއާ"ގެ ލަޤަބު ހޯދާފައިވާ ލަތާ މަންގޭޝްކަރް މަރުވެފައި ވަނީ އުމުރުން 92 އަހަރުގައި، މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 6 ފެބްރުއަރީ 2022ގައެވެ.