ގދ. ގައްދޫގައި ހުންނަ އަތޮޅު މަދަރުސާގައި ދަރިވަރަކު އަންހެން މުދައްރިސަކަށް ހަމަލާދިން މައްސަލައިގައި މުދައްރިސްގެ ނޭފަތް ބިންދައިގެން ގޮސް އޮޕަރޭޝަނެއް ކުރަންޖެހިފައިވާތީ، އިންޑިއާއަށް އެނބުރި ގެންދާ ކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް އެ ދުވަހުގެ 11:46 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މުދައްރިސަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.

އިންޑިއާގެ "މަތުރުބޫމީ" ނަމަކަށް ކިޔާ ނޫހަކުން މުދައްރިސްގެ ފިރިމީހާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަށްވަނަ ގްރޭޑުގައި ކިޔަވާ ފިރިހެން ދަރިވަރަކު، އުމުރުން 35 އަހަރުގެ ސްމިޓާ ޕިއްލައިއަށް ހަމަލާދީ ނޭފަތް ވަނީ ބިންދާލައިފައެވެ.

އެ ހާދިސާ ހިނގީ ކޮމްޕިއުޓަރު ލެބުގައި ދަރިވަރު ގޭމް ކުޅެން އިނުމުން އެކަން ހުއްޓުވަން މަސައްކަތްކުރުމުން ކަމަށް އޭނާގެ ފިރިމީހާ ބުންޏެވެ.

އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ސްމިތާ، ދަރިވަރު ކޮމްޕިއުޓަރު ގޭމު ކުޅުން ހުއްޓާނުލައިފިނަމަ، އޭނާގެ ފޯނުން ރެކޯޑުކޮށް ޕްރިންސިޕަލަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ. އެހެންވެ، ދަރިވަރު ފުރަތަމަ ވަނީ ސްމިތާގެ ފޯނު އެއްލާލައިފައެވެ. އެއަށްފަހު، ސްމިތާގެ މޫނުމަތީ ޖަހައި، ތަކުރާރުކޮށް އޭނާގެ އިސްތަށިގަނޑަށް ދަމައިފައިވާ ކަމަށް ނޫހުގައި ބުންޏެވެ.

ދަރިވަރު ދިން ހަމަލާގެ ސަބަބުން ސްމިތާ ހޭނެތުނު ކަމަށް ވެސް، އެ ނޫހުގައިވެއެވެ.

އިންޑިއާގެ "މަތުރުބޫމީ" ނޫހާ ހަވާލާދީ ސްމިތާގެ ފިރިމީހާ ދީޕަކް ބުނީ، ސްމިތާއަށް ދަރިވަރު ހަމަލާދިން މައްސަލަ ފުލުހަށް ހުށަހަޅައި، އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ހުށަހަޅައިފައިވާ ކަމަށާއި، ނަމަވެސް ގދ. އަތޮޅު މަދަރުސާއިން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވެސް އަދި ޖަވާބެއް ނުދޭ ކަމަށެވެ. އެހެންވެ، ސްމިތާއާއެކު އިންޑިއާއަށް އަނބުރާ ދިއުމުގެ ކުރިން އެ މައްސަލަ އިންޑިއާގެ ހައިކޮމިޝަންގެ ސަމާލުކަމަށް ގެންނާނެ ކަމަށް، ދީޕަކް ބުންޏެވެ.

މި މައްސަލައިގައި ދަރިވަރު ސަސްޕެންޑުކޮށް، ހަފުތާއަކަށް ކައުންސިލިން ދޭން ނިންމައިފައިވާ ކަމަށް، އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އެކަމަކު ގދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ފާޠިމަތު ނާހިދާއަށް ގުޅައި މެސެޖުކުރުމުން ޖަވާބެއް ލިބިފައިނުވާތީ މިކަމާ ގުޅޭ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޑިސެންބަރު މަހު އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަނީ ގިނަ ވީޑިއޯތަކެއް އާއްމުވެފައެވެ. އެ މައްސަލައިގައި ޓީޗަރާއި ދަރިވަރު ވަނީ ސަސްޕެންޑުކޮށްފައެވެ.

އެގޮތުން އެ ހަމަނުޖެހުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑުކުރީ ޓީޗަރެވެ. އޭގެ ފަހުން، އަޚުލާގީ ޕްރޮގްރާމެއް ފުރިހަމަކޮށް ޓީޗަރު ގާތުން މައާފަށް އެދެން ދެން އައްޑޫ ސްކޫލުން ވަނީ ދަރިވަރު ސަސްޕެންޑުކޮށްފައެވެ.

އެ މައްސަލައިގައި އަދި އަދަށް ދާންދެން އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ބަހެއް ބުނެފައިނުވެއެވެ.