ދެ ވަނަ އިންޓަ ރިސޯޓް ބީޗް ވޮލީ މުބާރާތުގައި ފަސް ރިސޯޓަކުން ބައިވެރި ވެއްޖެ ކަމަށް ވޮލީ އެސޯސިއޭޝަނުން ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ފަސް ރިސޯޓަކީ ސޮނޭވާފުށި ރިސޯޓާއި ލިލީ ބީޗް ރިސޯޓާއި ބަނޑޮސް އައިލެންޑް ރިސޯޓާއި ކުލަބް މެޑް ރިސޯޓާއި އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓެވެ.

މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނަ ދޮންގަނޑު ބީޗް ވޮލީ ކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގެ ޝެޑިއުލް އަދި ވޮލީ އެސޯސިއޭޝަނުން ނެރިފައެއް ނުވެ އެވެ.

ވޮލީ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، މުބާރާތުގެ ޝެޑިއުލް މާދަމާގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށެވެ.

ހުސްވި އަހަރު ބޭއްވި އިންޓަ ރިސޯޓް ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސޮނޭވާފުށި ރިސޯޓުންނެވެ.