މިނިސްޓަރުގެ ފެންވަރުގައި މި ސަރުކާރުގެ އިސް ތަރުޖަމާނުކަމަށް، ޔޫއޭއީގެ ކުރީގެ ސަފީރު މުޙައްމަދު ޙުސައިން ރަޝީދު (މުންދު) މިރޭ އައްޔަންކޮށްފިއެވެ.

އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމުން މިމަހުގެ ހަވަނަ ދުވަހު ވަކިކުރި މުންދު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުކަމަށް އައްޔަންކުރެއްވީ މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ޚާރިޖީއްޔާއަށާއި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ މުންދު މީގެ ކުރިން ވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އިސް ތަރުޖަމާނުކަން 2005އިން 2007އަށް، އަދި ރައީސްގެ ތަރުޖަމާނުކަން 2007އިން މައުމޫންގެ ދައުރު ހަމަވަންދެން ކުރައްވައިފައެވެ. އެއަށްފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވިއެވެ.

އަދި ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ މަގާމާއި ޔޫއޭއީގެ ސަފީރުކަމުގެ މަގާމުވެސް ވެސް މުންދުވަނީ ފުރުއްވައިފައެވެ.

ހަމައެއާއެކު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ވެސް ކުރައްވައި، މި ސަރުކާރުގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުވެސް ފުރުއްވިއެވެ.

ޔާމީންގެ ވެރިކަން ނިމުމާއެެކު މުންދު ވަނީ، އިދިކޮޅު ލީޑާޝިޕްގެ ތެރޭގައި ސިޔާސީ ގޮތުން އިސް ސަފުގައި މަސައްކަތް ކުރައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މުންދު ޔޫއޭއީގެ ސަފީރުކަމުން ވަކިކުރީ، ދާދި ފަހުން ސޯޝަލް މީޑިއާގައި, މުންދުގެ މަންމާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދުގެ އޯޑިއޯއެއް މީސްމީޑިއާގައި ދައުރުވި މައްސަލައާ ގުޅިގެންނެވެ.

އެ އޯޑިއޯގައި އަސްމާ ވަނީ، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ހަމަ މި މައްސަލައިގައި އަސްމާގެ ކޮއްކޯފުޅު އަދި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރިއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން ސަލްމާ ފޮރިން މިނިސްޓްރީގެ މަސައްކަތަށް މާލެ ގެންނަން ސަރުކާރުން ނިންމައި، ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު ވަނީ ކެންސަލްކޮށްފައެވެ.

ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރީ މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.