ގައުމީ ސަލާމަތާއި ބެހޭ ދިރާސާތައް ކުރުމަށްފަހު ރިވިއުއެއް ޝާއިރުކުރަން ހަމަ ޖައްސާފައިވާ ކަމަށް މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔާޑް މުހަންމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޤައުމީ ސަލާމަތާ ބެހޭ ސިޔާސަތާއި ޤައުމީ ދިފާއީ ސިޔާސަތު ނެރުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު ވިދާޅުވީ "ޕިއާ ރިވިއު ޖާނަލް" އެއް ނެރެނީ ރާއްޖޭގެ ސަލާމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއިމެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކާއިމެދު ކޮންމެ ރައްޔިތަކުވެސް ހޭލުންތެރިކޮށް ތިބުމަކީ ކޮންމެހެން ބޭނުން ކަމެއް. މިކަމާއި ގުޅޭ މަސައްކަތްތަކެއް އަޅުގަނޑުމެން ވަނީ ވަރަށް އަވަހަށް ފެށުމަށް ވަނީ ނިންމާފައި. އެއީ ސަލާމަތާއި ބެހޭ ދިރާސާތައް ކޮށް ޕިއާ ރިވިއު ޖާނަލް އެއް ނެރޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިވިއު ޖާނަލް ނެރޭނީ އަހަރަކު ހަތަރު ފަހަރު ކަމަށާއި އެ ފޮތުގެ ފުރަތަމަ އަދަދު މިއަހަރުގެ ނަސްރުގެ ދުވަހު ނެރޭނެ ކަމަށެވެ.

މިއަދުގެ ރަސްމިޔާތުގައި ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ގައުމެއްގެ ބާރު ނެތިގެން ދަނީ އިސްތިއުމާރީ ބާރުގެ ދަށުން ގައުމެއް އަޅުވެތި ކޮށްފައި ބޭއްވުމުން އެކަނި ނޫން ކަމަށާއި އިޖްތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ގައުމު އަޅުވެތި ކޮށްފައި ބޭއްވިދާނެ ކަމަށް ވިދާޅުވި އެވެ

މިނިސްޓަރު ދެއްކި ވާހަކަފުޅުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ދީފައިވާ ދިނުމަށް އިޝާރާތްކުރައްވާ ވިދާޅުވީ ރާއްޖޭގެ މައި ދޮރޯށި "ވިއްކާލުމުން" މިހާރު ވަނީ އަޅުވެތިކަން އިހްސާސް ކުރެވިފައި ކަމަށެވެ.

"ދިވެހި ރާއްޖޭގެ މައިދޮރީށި ބޭރު ބަޔަކަށް ވިއްކާލުމުން މިދަނީ އަޅުވެތިކަން އަޅުގަނޑު މެން އިހްސާސް ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ސަލާމަތާއި ބެހޭ ކަންކަން ހަރުދަނާކޮށް އިސްލާހް ކުރަން ޖެހޭ ކަމަށާއި އެމަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ސިވިލް މިލިޓިރީ ރިލޭޝަން ހަރުދަނާކޮށް އަސްކަރިއްޔާގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ އުސޫލް ހަރުދަނާ ކުރަން ޖެހޭ ކަން ފާހަގަ ކުރެއްވި އެވެ.