15 Apr 2026, 17:19
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިމުނު ފެބްރުވަރީ މަހު މާލީ އެހީގެ ގޮތުގައި 54 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.
އެންސްޕާއިން ވަނީ އެ އެޖެންސީގެ ނިމިދިޔަ ފެބްރުވަރީ މަހުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ޖުމްލަ މިހާރު 15،280 މީހުން ތިބިއިރު ފެބްރުވަރީ މަހު އަލަށް 62 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.
ފެބްރުވަރީ މަހު މާލީ އެހީ ފޯރުކޮށްދެވުނު މީހުންގެ އަދަދު 14،993 އަރާއިރު އެއީ ނިމުނު ޖަނަވަރީ މަހު އެހީ ފޯރުކޮށްދިން 14،975 މީހުންނާ އަޅާބަލާއިރު، އިތުރު އަދަދެކެވެ.
ފެބްރުވަރީ މަހު އެންސްޕާއިން މާލީ އެހީގެ ގޮތުގައި 54،842،000 ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ. އަދި ޖަނަވަރީ މަހު މާލީ އެހީގެ ގޮތުގައި ފޯރުކޮށްދެވުނީ 54،639،000 ރުފިޔާއެެވެ.
މީގެ އިތުރުން އެންސްޕާއިން ވަނީ ފެބްރުވަރީ މަހު، ފަގީރު ހާލުގައި މައިންބަފައިންގެ އެހީއެއް ނެތި ބަލަހަށްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތަށް މާލީ އެހީގެ ގޮތުގައި 187،500 ރުފިޔާ ފޯރުކޮށްދީފައެވެ.
މާލީ އެހީ ލިބޭ ބެލެނެވެރިންގެ އަދަދު 101 ގައި އުޅޭއިރު ފެބްރުވަރީ މަހު ވަނީ އަލަށް އެއް ބެލެނެވެރިއަކު ރަޖިސްޓްރީކޮށްފައެވެ. އަދި މާލީ އެހީ ލިބޭ ކުޑަކުދިންގެ އަދަދު އުޅެނީ 137 ގައެވެ.
އެންސްޕާއިން ވަނީ ފަގީރު ހާލުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް 26،040 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައެވެ.