އައްޑޫ ސިޓީގެ ގަމުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓްގެ 30 ޕަސެންޓް ހިއްސާ ވިޔަފާރިވެރިޔާ ޗަންޕާ ހުސައިން އަފީފުގެ ހިއްސާ އޮންނަ ކުންފުންޏަކަށް، 60 މިލިއަން ރުފިޔާ އަށް ގަތުމަށް ހުށަހަޅާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ހުޅުވާލި ފުރުސަތުގައި ދެ ކުންފުޏްނަކުން ހުށަހެޅި ކަމަށާއި އޭގެ ތެރޭގައި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ވެސް ހުށަހަޅާފައިވާ މެލޭޝިޔާގެ ކުންފުންޏެއްގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ހުސައިން އަފީފުގެ ހިއްސާ އޮންނަ ކާސާ ހޯލްޑިން ކުންފުނިން، ކުންފުނީގެ 30 ޕަސެންޓް ހިއްސާ ގަތުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު އޮތް ރަންވޭ އަށް 350 މީޓަރު އިތުރު ކުރުމާއި ރަންވޭގެ ސާފޭސް ބަދަލު ކުރުމާއި އޭޕްރަންޓް ކޮންކްރީޓް އަޅައި ތަރައްގީ ކުރުމާއި ގްރަންޑް ހޭންޑްލިން، ޓަވާ އިކްވިޕްމަންޓާއި އަދި އެ ނޫން ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކޮށް، އެއާޕޯޓް ތަރައްގީ ކުރުމަށް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް އެސްޓިމޭޓްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަޝްޜޫއު ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިތުރުން އެސްޓީއޯ ގުޅިގެން އުފައްދާފައިވާ، ކޮންސޮޓިއަމްގެ 30 ޕަސެންޓް ވިއްކުމަށް ހުޅުވާލީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ 200 މިލިން ރުފިޔާގެ އިކްއިޓީއެއް ފުރަތަމަ ރެއިސް ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ހިންގުމަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ޕްލޭންކޮށްފައި ވަނީ ތިން ޕާޓީ ގުޅިގެން ލޯން ނަގައިގެން ކަމަށެވެ.

ގަން އެއާޕޯޓް ކޮމްޕެނީން އެއާޕޯޓް ތަރައްގީކުރަން ގަން ހަވާލުކޮށްފައި ވަނީ، ޝާހިދު ވިދާޅުވި ގޮތުގައި، 50 އަހަރަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަނީ ހުޅުވާލެވިގެން ސަރުކާރުގެ ހުއްދައާ އެކު ކަމަށެވެ. އަދި ވިދާޅުވީ ކާސާ ހޯލްޑިން އަށް 30 ޕަސެންޓް ވިއްކުމަށް އެސްޓީއޯ ބޯޑުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެކަން ފައިނަލް ކުރައްވާނީ ދައުލަތުގެ ބަންޑާރަ ނައިބާ ފައިނޭން މިނިސްޓަރާއި އަދި ފަހަރުގައި ޓްރާންސްޕޯޓް މިނިސްޓަރާ ވެސް މަޝްވަރާ ކުރުމަށް ފަހު ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށެވެ.

ގަން އެއާޕޯޓް ތަރައްގީކުރާ ކުންފުނީގެ ހިއްސާ ކާސާ ހޮލްޑިން ގަންނަން އުޅޭ ވާހަކަތަކާ ގުޅިގެން ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޗަންޕާ އަފީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.