15 Apr 2026, 11:53
ރާއްޖޭގެ ބޮޑު ބަޔަކަށް މާދަމާގެ ނިޔަލަށް ވިއްސާރަ ކުރާނެ ކަމަށާއި އެއަށްފަހު ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ނަމަވެސް، ވާރޭވެހި ވިއްސާރަކުރަނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި އުފެވިފައިވާ ވިލާގަނޑެއްގެ ސަބަބުން ކަމަށެވެ.
އެހެންކަމުން ވިއްސާރަވެ ވާރޭވެހުނުކަމުގައިވީ ނަމަވެސް، އިހުސާސްކުރެވޭ ފިނި ހޫނުމިން ހުންނާނީ މަތީގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މެޓުން ބުނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ހިސާބުތަކުގައި ރާޅުތަކުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓޫ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަންނަ މަސް ފެށޭއިރު ހުޅަނގު މޫސުމަށް އެޅޭނެ ކަމަށާއި އެހެންކަމުން މި މަހުގެ މެދުތެރެއިން އަންނަ ވާރޭއާއެކު ވަރަށް ބޮޑަށް ވިދާ ގުގުރުމާއެކު ހޮނުއެޅުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މީގެ ކުރިންވަނީ ބުނެފައެވެ.