15 Apr 2026, 11:37
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ތާރީހަށް އެ މަސައްކަތް ނުނިމި ތާރީހު ފަސްވެއްޖެއެވެ.
މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމައި، ޖޫން މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 169 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކާ ނިމިފައިވަނީ 98 ހެކްޓަރުގެ ބިން ކަމަށެވެ. އަދި ބާކީ ބައި ހިއްކައި ނިންމާލެވޭނީ އަންނަ މެއި މަހުގެ 31ގެ ނިޔަލަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ޖުމްލަކޮށް ދަންނަވާނަމަ ގިރާވަރުގެ މުޅި އެއްކޮށް ހިއްކަން ކަނޑައަޅާފައިވަނީ 169 ހެކްޓަރުގެ ބިން. މިހާރު ހިއްކަން ހަމަޖެހިފައިވާ އޭރިޔާއަކީ ޖުމުލަ 97 ހެކްޓަރު. ބާކީ ބައި ހިއްކައި ނިންމާލެވޭނީ އަންނަ މެއި މަހުގެ 31ގެ ނިޔަލަށް،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރީ މަސައްކަތް ދިގުލައިގެންދާތީ އެވެ.
މިހާރު މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މެރިން އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) އިންނެވެ.
ގިރާވަރު ފަޅުން ދޫކުރާ ގޯތިތަކުގެ އަދަދަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެންމެ ފަހުގެ ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތުން އެ ތަނުން ދޫކުރާނީ 4,072 ގޯއްޗެވެ. މިނިސްޓަރު ވިދާޅުވީ ކުރިން އެ ތަނުން ދޫކުރި ގޯތިތަކުގެ ތެރެއިން 1,360 ގޯއްޗެއް ގުޅީފަޅަށް ބަދަލުކުރަން ޖެހުނީ، ގިރާވަރު ފަޅުން 5,000 ގޯތި ކަނޑަން ދަތިވުމާ ގުޅިގެން ކަމަށެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ، މި ހިނގާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމާ، ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ނަމަވެސް މިހާރު ހިއްކަމުންދަނީ އެ ފަޅުގެ ފުން ސަރަހައްދު ކަމަށްވާތީ، މަސައްކަތް ނިންމުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތުގައި ބޮސްކާލިސްގެ ދެ ޑްރެޖަރެއް ކަމަށްވާ 'އޮރާންޖޭ' އާއި 'ކުވީން އޮފް ނެދަލެންޑްސް' ދަނީ ހަރަކާތްތެރިވަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ ގިރާވަރު ފަޅުން ހިއްކާ ސަރަހައްދު 120 ހެކްޓަރުން 169 ހެކްޓަރަށް ބޮޑުކޮށްފަ އެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހިއްކަން ފެށި ތަންތަނުގެ ތެރެއިން މިހާތަނަށް ހިއްކާ ނުނިމި އޮތީ ހަމައެކަނި ގިރާވަރު ފަޅެވެ.