12 Sep 2012, 16:11
ވެރިކަން ބަދަލުވުމުގެ ހާދިސާތަކާ ގުޅޭ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތައް ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ދިވެހި ސަރުކާރަށް އެމެރިކާއިން ގޮވާލައިފި އެވެ.
އެމެރިކާއިން އެ ގޮތައް ގޮވާލީ އެ ގައުމުގެ، އެސިސްޓެންޓް ސެކެޓްރީ އޮފް ސްޓޭޓް ފޯ ސައުތް އެންޑް ސެންޓްރަލް އެފެއާޒް، ރޮބާޓް ބްލޭކް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި މިއަދު މެންދުރު ނޫސްވެރިންނާއި ބައްދަލުކުރައްވަ އެވެ.
ކޯނީގެ ރިޕޯޓަށް އަމަލުކުރުމާ ގުޅޭ ގޮތުން އެމެރިކާއިން ދެކެނީ ކިހިނެތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބްލޭކް ވިދާޅުވީ އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކަކީ އެމެރިކާ ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށާއި އެފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ސާބިތުވާ ފަރާތްތަކާ މެދު އޮންނަ އުސޫލުމުގެ މަތިން ފިޔަވަޅު އަޅަން ޖެހޭނޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވެސް އިންސާނީ ހައްގުތަކަށް ސަރުކާރުން އިހުތިރާމު ކުރުމަށް ބާރުއެޅުއްވި ކަމަށް ބްލޭކް ވިދާޅުވި އެވެ.
"އިންސާނީ ހައްގުތަކާއި ހިލާފުވެފައިވާ ކަމަށް ބުނާ މައްސަލަތައް ސަރުކާރުން ތަހުގީގު ކުރަން އަޅުގަނޑު ގޮވާލަން، އަދި އެފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތަކަށް ދެ ފުށް ފެންނަ ގޮތެއްގެ މަތިން ސާފު ސީދާ ގޮތެއްގައި ޑިސިޕްލިނަރީ ފިޔަވަޅުއަޅަން ޖެހޭނެ،" އެމެރިކާއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނެވި އެމްބެސެޑަރުކަން ވެސް ކުރެއްވި ބްލޭކް ވިދާޅުވި އެވެ.
ފެބުރުއަރީ 6، 7 އަދި 8 ގައި ފުލުހުން އަނިޔާވެރިކޮށް އަމަލުކޮށްފައިވާ ކަމަށާއި އެކަންތައްތައް ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ކޯނީގެ ރިޕޯޓުގައި ވެސް އަދި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރިޕޯޓުގައި ވެސް ހުށަހަޅާފައި ވެއެވެ. އެ މައްސަލަތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެ ކަންތައްތަކުގައި މިހާތަނަށް ފިޔަވަޅު އަޅާފައެއްނުވެ އެވެ.
ބްލޭކް ވިދާޅުވީ ފުލުހުންނާއި ސިފައިންނާ މެދު ތުހުމަތު ކުރެވޭ ކަންތައްތަކުގައި އަދި ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް އެމެރިކާއިން އެއްބަސްވެފައިވާ ގޮތަށް ސިފައިންނާއި ފުލުހުންގެ މުއައްސަސާ ވަރުގަދަ ކުރުމަށް އެހީތެރިވެދޭނޭ ކަމަށާއި އެ އެހީތައް ވާނީ ސިފައިންނާއި ފުލުހުން އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމަށް މަގުފަހިކޮށްދޭނެ އެހީތަކަކަށް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް ބާއްވާ ލީޑާޒް ޑައިލޮގް ކުރިއަށް ގެންދިޔުމުގެ މުހިންމު ކަމުގައި މައްޗަށް ވެސް ބްލޭކް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ މަޝްވަރާތަކުގެ މޮޑަރޭޓާ މިއަދު އިސްތިއުފާދެއްވި ނަމަވެސް އެ ވާހަކަތައް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށާއި އެ މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނީ މަޖިލީހުގެ ތެރެއިން ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވައި ކަމަށެވެ.
"ގާނޫނުތައް ހެދުމާއި ވަރުގަދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން، ވާހަކަތައް މަޖިލީހުގެ ތެރެއިން ކުރިއަށް ގެންގޮސް އަންނަން އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވުމަށް ގޮވާލަން،" ބްލޭކް ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވަނީ ެރާއްޖޭގައި ކުރާ މުޒާހަރާތައް ސުލްހަވެރިކަމާއެކު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.
މިނިވަން މުއައްސަސާތައް ކަމަށްވާ، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި، ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މަސައްކަތްތައް ވަރުގަދަކޮށް ފުޅާކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް ބްލޭކް ވައުދުވެ ވަޑައިގެންނެވި އެވެ.
"މީގެ ކުރިން އެމްބެސެޑަރު ސިސޮން ހާމަކުރައްވާފައިވާ ގޮތަށް، ރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށާއި ވަރުގަދަ ކުރަން ޖެހޭ މުއައްސަސާތައް ވަރުގަދަ ކުރުމަށް އެމެރިކާއިން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާނެ،"