އިންސާނާގެ ޙަޔާތުގެ ކޮންމެ ސިކުންތަކާ ގުޅިފައިވަނީ ވަގުތެވެ. އޭނާ ކުރާ ކޮންމެ ކަމެއްގައި ޝާމިލުވާ އެންމެ މުހިންމު އެކައްޗަކީ ވަގުތެވެ. ވަގުތާ ނުލައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

ވަގުތު މެނޭޖުކުރުން ކާމިޔާބީގެ ތަޅުދަނޑި

އިންސާނާއަށް ދެއްވާފައިވާ އެންމެ އަގުބޮޑު އެއް ނިޢުމަތަކީ ވަގުތެވެ. ވަގުތަކީ ހިނދުކޮޅެއްގެ ތެރޭގައި ފާއިތުވެދާ، އަދި ފާއިތުވި ވަގުތަކީ ދުވަހަކުވެސް އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ދުނިޔޭގައި ކާމިޔާބު ހޯދާފައިވާ ކޮންމެ މީހެއްގެ އެންމެ ބޮޑު އެއް ސިއްރަކީ އޭނާއަށް ލިބިފައިވާ 24 ގަޑިއިރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމެވެ. ވަގުތު މެނޭޖުކުރުމަކީ ހަމައެކަނި ގަޑިއަށް ބަލައިގެން މަސައްކަތް ކުރުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އާދަކާދަތައް ތަރުތީބުކޮށް، ކުރާ ކޮންމެ ކަމަކުން އެންމެ މަތީ ނަތީޖާ ޙާޞިލުކުރުމަށް ކުރެވޭ މަސައްކަތެކެވެ. ތިމާގެ މަންޒިލްމަޤުޞޫދަށް އަމާޒު ކަނޑައަޅާ އެކަންކަން ޙާޞިލުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު ހަތިޔާރަކީ ވަގުތެވެ.

ވަގުތު މެނޭޖުކުރުމަކީ ކޮބައި؟

ވަގުތު މެނޭޖުކުރުން ނުވަތަ "ޓައިމް މެނޭޖްމަންޓަކީ" ވަކި ޚާއްޞަ މަސައްކަތްތަކެއް ކުރުމަށްޓަކައި، އެކަމަށް ހޭދަކުރާނެ ވަގުތު ރާވައި، އެ ރޭވުމާ އެއްގޮތަށް ޢަމަލުކުރުމުގެ ހުނަރެވެ. މީގެ މާނައަކީ މަސައްކަތްތައް ގިނަކުރުމުގެ ބަދަލުގައި، "ސްމާޓްކޮށް" މަސައްކަތްކޮށްގެން މަދު ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ނަތީޖާ ޙާޞިލުކުރުމެވެ. ތިމާ ކުރަން ރާވާ ކަންކަން، ގަޑިތަކަށް ފައްތާލައިގެން، ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން އަމާޒަށް މަސައްކަތްކޮށް ނަތީޖާ ޙާޞިލުކުރުމަކީ ޓައިމް މެނޭޖުކުރުން ކަމުގައި ދެންނެވިދާނެއެވެ.

ވަގުތު މެނޭޖުކުރުމުގެ މައިގަނޑު ބައިތައް

މީހަކު ކަމެއް ކުރަން ބޭނުންވާ ނަމަ އެކަމެއްގެ ލަނޑުދަނޑި ކަނޑައަޅަން ޖެހޭނެއެވެ. އެއީ އިނގިރޭސިބަހުން ގޯލް ސެޓިންގއޭ ވެސް ކިޔައެވެ. (Goal Setting) މި މަރުޙަލާގައި ވަރަށް ސާފުކޮށް ތަފުޞީލުކޮށް ކުރަން ބޭނުންވާ ކަމެއް ކަނޑައަޅާފައި އޮންނަންވާނެއެވެ. ދެން ކުރިން އަމާޒުހިފި ކަންކަން ރާވާލަންޖެހޭނެއެވެ. ރޭވުމަކީ (Planning) ކުރަންޖެހޭ ކަންކަން ދުރާލާ އެނގުމާއެކު ކަރުދާހަށް ތިރިކޮށް ނުވަތަ ސިކުނޑީގައި ކުރަހާލުމެވެ. އޭގެ ފަހުގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުމާއެކު (Prioritization) އެންމެ މުހިންމު ކަންކަން ފުރަތަމަ ކުރަން ޖެހެއެވެ.

ވަގުތު މެނޭޖުކުރުމުގެ މުހިންމުކަން

ވަގުތު ރަނގަޅަށް މެނޭޖުކުރުމަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހައި ދާއިރާއަކަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. އެއީ އަމިއްލަ ދިރިއުޅުމުގައި ނުވަތަ ވިޔަފާރީގައި ކަމުގައި ވިޔަސް މެއެވެ. މީގެ މުހިންމު މައިގަނޑު ބައިތައް ކަމަށް އަޅުގަނޑަށް ފެންނަ ބައެއް ކަންކަން މިތާނގައި ލިޔެލާނަމެވެ.

ހ- މަސައްކަތުގެ ފެންވަރު ރަނގަޅުވުން

ވަގުތު ރޭވުމެއް ނެތި މަސައްކަތް ކުރާއިރު، އިންސާނާއަށް މަސައްކަތް ކުރެވެނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ނަމަވެސް، ވަގުތު ރަނގަޅަށް ރާވާލާ ތަރުތީބުކޮށްފައިވާ ނަމަ، ކޮންމެ މަސައްކަތަކަށް ވެސް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދެވޭނެއެވެ. މީގެ ސަބަބުން މަސައްކަތުގައި ހެދޭ ގޯސްތައް މަދުވެ، ނަތީޖާގެ ފެންވަރު މަތިވެއެވެ. ހިނގަންނުޖެހޭ އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެއެވެ.

ށ- ނަފުސާނީ ދުޅަހެޔޮކަން އިތުރުވުން

ގިނަ މީހުންނަށް "ސްޓްރެސް" ނުވަތަ ހާސްކަން ކުރިމަތިވަނީ ވަގުތު ފާއިތުވަމުންދާއިރު މަސައްކަތްތައް ނުނިމި ހުރުމުންނެވެ. އޭގެ ބަދަލުގައި ކަންކަން ރަނގަޅަށް ރާވާލާ ވަގުތު މެނޭޖުކުރުމުގެ ސަބަބުން ކަންކަން ނިންމަންޖެހޭ ސުންގަޑިއަށް (Deadline) ކަންކަން ނިންމާލެވޭތީ، ނަފުސާނީ ހަމަޖެހުން ލިބި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެއެވެ.

ނ- ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓުން

ވަގުތު މެނޭޖުކުރާ މީހާއަށް އޭނާގެ ވަޒީފާއަށް ނުވަތަ ކިޔެވުމަށް ދޭންޖެހޭ ވަގުތުގެ އިތުރުން، ޢާއިލާއަށާއި، އަޅުކަމަށާ، އަދި އަމިއްލަ މުނިފޫހިފިލުވުމަށް ވެސް ވަގުތު ހޯދޭނެއެވެ. މިއީ "ވާރކް-ލައިފް ބެލެންސް" ހިފެހެއްޓުމަށް އޮތް އެންމެ ފަހިމަގެވެ.

ވަގުތު މެނޭޖުކުރުމަށް ހުރަސްއަޅާ ކަންތައްތައް

ކިތަންމެ ރަނގަޅަށް ރޭވި ނަމަވެސް، ވަގުތު ބޭކާރުކޮށްލާ ބައެއް ކަންކަން އަހަރެމެންގެ ދިރިއުޅުމާ ގުޅިލާމެހިފައިވެއެވެ. އޭގެ ބައެއް ކަންކަމަށް ވަރަށް ކުރުކުރުކޮށް ބަލައިލާނަމެވެ.

1 ފަސްކުރުން: (Procrastination) މިހާރު ނޫނީ ފަހުން" މި ބަހަކީ ވަގުތު މެނޭޖުކުރުމުގެ އެންމެ ބޮޑު ދުޝްމަނެވެ. މި ވަގުތު ނުވަތަ މިއަދު ކުރަން ހުންނަ ކަންކަން، އޭގެ ވަގުތުން ފަސްކޮށް "ފަހުންކުރަން" ބެހެއްޓުން މިއީ ވަރަށް ގިނަ މީހުންނަށް އާދަވެފައިވާ ނުރަނގަޅު އާދައެކެވެ. ތިމާ ކުރަން ހުންނަ ކަންކަން، އޭގެ ކުޑަބޮޑު މިނަށް ނުވަތަ މުހިންމު ކަމަށް ވެސް ބެލުމެއް ނެތި ފަސްކޮށްލުމެވެ. މިއަދު އެ ކަމެއްކޮށް ނިންމާލުމުގެ ބަދަލުގައި މާދަމާ ނޫނީ އަދި ފަހުން ކުރަން ފަސްކޮށްލުމުގެ ނުރަނގަޅު އާދައެވެ.

2 ޒަމާނީ ވަސީލަތްތައް: ސޯޝަލް މީޑިއާއާއި ފޯނަށް މާގިނަ ވަގުތު ހޭދަކުރެވެނީއެވެ. މިއީ، ވަގުތު އޭގެ ފުރިހަމަ ގޮތުގައި ބޭނުންހިފުމަށް ހުރަސްއަޅާ ކަމެއްކަމަށް ޤަބޫލުކުރަންޖެހެއެވެ. އިންތިހާއަށް ގިނަ ވަގުތު، ސޯޝަލް މީޑިއާގެ ޕްލެޓުފޯމުތަކުގައި އެކިއެކި ކަންކަމަށް މާގިނަ ވަޤުތު ހޭދަކުރެވެނީއެވެ.

3 ނޫނެކޭ ބުނަން ނޭނގުން: ހުރިހައި އެންމެން ރުއްސަން އުޅުމުގެތެރޭގައި އަމިއްލަ މުހިންމު މަސައްކަތްތައް ދޫކޮށްލައި އަދި ކޮންމެހެން ނޫނެކޭ ބުނަންޖެހޭ ވަގުތުގައި ވެސް އެކަމަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަންޖެހެއެވެ. އެފަދަ ޙާލަތްތަކާ ކެރިގެން ކުރިމަތިލައި ގޮތްނިންމަން ކެރެންޖެހޭނެއެވެ.

4 ބޭކާރު ވާހަކަދެއްކުން: މާހައުލުގައި ހިނގާ ބޭކާރު ބަހުސްތަކާއި ވާހަކަތަކުގައި ވަގުތު ނަގާލުން މިއީ މިއަދު އެކަންކަމާމެދު ވިސްނާލުމުން ކަންބޮޑުވާ ދަރަޖައަކަށް އަހަރެމެންގެ މާޙައުލުން ފެންނަ ވަރަށް ނުރަނގަޅު އާދައެކެވެ.

ވަގުތު މެނޭޖުކުރުމަށް ބޭނުންކުރެވިދާނެ އުކުޅުތައް

ވަގުތު މެނޭޖުކުރުމަށް ޓަކައި ދުނިޔޭގެ މުފައްކިރުންނާއި ކާމިޔާބު މީހުން ބޭނުންކުރާ ބައެއް އުކުޅުތަކަކީ:

އައިޒަންހަވާ މެޓްރިކްސް :(ވިޔަފާރީގެ ކުރިއެރުމުގެ ފުރުޞަތު ދެނެގަތުމަށް ބޭނުންކުރާ އިސްތިރާޖީ އުކުޅެއް)

މަސައްކަތްތައް ހަތަރު ބަޔަކަށް ބަހާލައިގެން ކުރުމެވެ.

ކުއްލި އަދި މުހިންމު ކަންކަން (އަވަހަށް ކުރުމަށް)

ކުއްލި ނޫން އެކަމަކު މުހިންމު ކަންކަން (ތާވަލުކޮށްގެން ކުރުމަށް)

ކުއްލި އެކަމަކު މުހިންމު ނޫން ކަންކަން (އެހެން މީހަކާ ހަވާލުކުރުމަށް)

ކުއްލި ނޫން އަދި މުހިންމު ވެސް ނޫން ކަންކަން (ހުއްޓާލުމަށް)

ޕޮމޮޑޮރޯ ޓެކްނިކް:

އިންސާނުންނަކީ، މެޝިނާ ޚިލާފަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރެވޭނެ ބައެއް ނޫނެވެ. އެހެންކަމުން މަސައްކަތުގެ ވަގުތުތަކުގެ ތެރެއިން ވެސް ހުސްވަގުތުކޮޅެއް ހޯދަންޖެހއެވެ. މިސާލަކަށް 25 މިނެޓު ހުއްޓުމެއްނެތި މަސައްކަތްކުރުމަށް ފަހު، ފަސް މިނެޓުގެ ކުރު ބްރޭކެއް އާދެ ހުސްވަގުތުކޮޅެއް ނެގިދާނެއެވެ. މީގެ ސަބަބުން ސިކުނޑި ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ. މިތަނުގައި ވަކި އަދަދަކަށް ވަގުތު މި ގެނެސްދިނީ ވިސްނާލުމަށް ފަސޭހައަށްޓަކައެވެ.

ވަގުތު މެނޭޖުކުރުމަކީ ހަމައެކަނި ދުނިޔަވީ ކާމިޔާބީއަކަށް ކުރާ ކަމެއް ނޫނެވެ. އިސްލާމްދީނުގައި ވެސް ވަގުތަކީ މުހިންމު އަމާނާތެކެވެ. ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، ޢުމުރު ހޭދަކުރި ގޮތާއި، ވަގުތުގެ ބޭނުން ހިފިގޮތް ހިމެނެއެވެ.

އެހެންކަމުން، ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު ކުރަންޖެހޭ ކަންކަން ރާވައި، ބޭކާރު ކަންކަމުން ދުރުހެލިވުމަކީ ދެ ދުނިޔޭގެ ކާމިޔާބަށް އޮތް އެންމެ ކުރު މަގެވެ. ވަގުތަކީ ތިބާގެ އަތުގައި އޮތް އެންމެ ބޮޑު ރައުސްމާލެވެ. އެ ރައުސްމާލު މެނޭޖުކުރާށެވެ. އޭރުން ދިރިއުޅުން މެނޭޖުކުރެވޭނެ އެވެ. ތިމާއަށްޓަކައި ވަގުތު މަޑެއް ނުކުރާނެއެވެ.

ތިމާއަށް ވަގުތު ވީއިރަކުން ކަންކަން ކުރަން، ކަންކަން ކުރުން ފަސްކުރުމުގެ ނުރަނގަޅު އާދަ ދޫކޮށްލާ، ނަތީޖާ ޙާޞިލުމަށް މަސައްކަތް ކުރަންޖެހެއެވެ. މާދަމާއަށް ކަންކަން ފަސްކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. މިއަދު ވެސް އަދި މާދަމާ ވެސް ކަންކަން ވާނެގޮތެއް އެކަކަށް ވެސް ނޭނގޭނެއެވެ. އެއީ ތިމާގެ އަތުގައި އޮތް ކޮންޓްރޯލެއް ނުވަތަ ބާރެއް ނޫނެވެ. ވީއިރު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.