12 Sep 2012, 15:34
ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޖަސްޓިސް ބިލްޑިންގެ ޑިއުޓީ އޮފިސަރަކާއި ސިފައިންގެ މީހަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ ޖަސްޓިސް ބިލްޑިންގެ ޑިއުޓީ އޮފިސަރަކަށް ހުރި ބ. ތުޅާދޫ، ކަނަމާގޭ، އަބްދުލް އަޒީޒު އަލީ، އާއި ސިފައިންގެ މީހެއް ކަމަށްވާ ދ.މާއެނބޫދޫ، ދިރުހުސާގޭ، އިބްރާހިމް މުހައްމަދެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ ދެ މީހުން ކޯޓަށް ހާޒިރުކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގެރޭގެ ދަންވަރު 1:52 އެހާކަންހާ އިރު ހިރިޔާ ސްކޫލް ކައިރީ ތިބެ އެ ދެ މީހުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މަނިކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެރޭ ފުލުހުން އެ ދެ މީހުން ހައްޔަރު ކުރުމަށް ފަހު ޖެހިގެން އައި ދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދުވަހު ކޯޓުން ޖަހައިދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ރޭ އެ ދެ މީހުން އެ ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަހަށް އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ދީފައިވާ ކަމަށެވެ.