ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގެ އެއްބައި އިސްތިއުފާ ދެއްވައިފައިވަނިކޮށް، މިއީ ރާއްޖޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިގާލީ ސަރުކާރެއް އެކުލަވައިލަންވީ ވަގުތުކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވިދާޅުވެއްޖެއެވެ.

އެކްސްގައި ނަޝީދު ވިދާޅުވީ، ކެބިނެޓުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ބޮޑުކޮށް ކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހާލަތުން އަރައިގަތުމަށް ޓަކައި، ބޭނުންޖެހިފައިވާ އަސާސީ އަދި އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ރާވައި ހިންގުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ރައީސް މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ދިހަ ވަޒީރަކު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

މި ބަދަލުތައް އައިސްފައިވަނީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވެރިކަންކުރާ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.