12 Sep 2012, 15:37
އިލެކްޝަންސް ކޮމިޝަންގެ ހިއުމަން ރިސޯސަސްގެ ކުރީގެ ޑިރެކްޓަރު އައިމިނަތު ޝާދިޔާ އަށް ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން އެންގި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ވަޒީފާ އަށް ނުނިކުތުމަށް އަންގައިފި އެވެ.
ޝާދިޔާ ވަޒީފާ އިން ވަކިކޮށްފައިވާ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ޓްރެއިބިނަލުން ނިންމާފައި ވަނީ އިލެކްޝަންގައި ކުރިން ހުރި މަގާމުގައި ޝާދިޔާއަށް ވަޒީފާ އަދާ ކުރެވޭނެ ކަމަށާއި އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށް އިލެކްޝަނަށް އަންގާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާއަށް ނުކުތުމަށް ޓްރެބިއުނަލުން އެންގި ދުވަހާ ހަމަޔަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބެންޖެހޭނެ ކަމަށެވެ.
ނަމަވެސް އިލެކްޝަންސްގެ ސެކަރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ޓްރައިބިއުނަލުން ނިންމި ނިންމުން ކޯޓްގައި އިސްތިއުނާފުކޮށް، އެ މައްސަލައިގައި ގޮތެއް ނިމެންދެން ވަޒީފާއަށް ނުނިކުތުމަށް ޝާދިޔާއަށް އިއްޔެ އަންގާފައިވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމުން ޝާދިޔާ ވަކިކޮށްފައި ވަނީ އެ ކޮމިޝަންގެ މުވައްޒަފުން ކުރި އިހްތިޖާޖެއްކޮށް، ކޮމިޝަންގެ މެންބަރުންނާމެދު ހިންހަމަނުޖެހުންތަކެއް ފާޅުކޮށްފައިވަނިކޮށެވެ. އަދި އެ ކޮމިޝަންގެ މުވައްޒަފުންނާ މެދު އެ ކޮމިޝަންގެ މެންބަރުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލު ކުރަމުން ގެންދާ ކަމަށް ބުނެ އެ އަމަލުތައް ހުއްޓާލުމަށް އެދި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް މުވައްޒަފުންވަނީ ސިޓީއެއް ފޮނުވާފަ އެވެ.
ކޮމިޝަންގެ މެންބަރުން ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނާ މައްސަލައިގެން ސިޓީގެ ކޮޕީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ވެސް ވަނީ ފޮނުވާފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން އެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ސިއްރު ބައްދަލުވުމަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާފައިވެ އެވެ.