12 Sep 2012, 14:46
ބެންޣާޒީ (ސެޕްޓެމްބަރ 12) : އިސްލާމް ދީނަކީ "ނައްތާލަންޖެހޭ ކެންސަރެއް" ކަމަށް ސިފަކޮށް އެމެރިކާއިން ނެރެނު ފިލްމަކާ ގުޅިގެން ރުޅިއައިސްފައިވާ ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތަކުން ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ހަމަލާދީ ލިބިޔާގައި ހުންނަވާ އެމެރިކާގެ ސަފީރު ކްރިސްޓޮފާ ސްޓީވެން އަވަހާރަކޮށްލައިފި އެވެ.
ލީބިޔާގެ ދާޚިލީ ވުޒާރާއިން ބުނިގޮތުގައި "އަންސާރުއް ޝަރީޢާ" ނަމަކަށްކިޔާ ލީބިޔާގެ ހަތިޔާރުއެޅި ޒުވާނުންގެ ޖަމާއަތަކުން ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް މިއަދު ދިން ޙަމަލާތަކެއްގައި ލީބިޔާގައި ހުންނަވާ އެމެރިކާގެ ސަފީރުގެ އިތުރުން އެމެރިކާގެ ތިން ޑިޕްލޮމޭޓަކުވެސް މަރުވިއެވެ. މި ފިލްމާގުޅިގެން ބެންޣާޒީގައި އިއްޔެ ލީބިޔާގެ އެތަށް ހާސްބަޔަކު ކުރި އިޙްތިޖާޖްތަކުގައި ވެސް ހަތިޔާރުއެޅި މިޖަމާއަތުންވަނީ ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ޙަމަލާދީ އެތާނގައި މަސައްކަތްކުރާ އެމެރިކާގެ މުވައްޒަފަކު މަރާލާފައެވެ. އެމެރިކާއިންވަނީ މިދެޙަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް މިދެ ޙަމަލާދިނީ ޓެރަރިސްޓުން ކަމަށް ސިފަކޮށްފަ އެވެ.
އިސްލާމް ދީނަކީ ނައްތާލަންޖެހޭ ކެންސަރެއްކަމަށް ސިފަކޮށް އެމެރިކާއިން ނެރެނު ފިލްމުގައި ކީރިތި ރަސޫލާ އަށްވެސް ވަރަށްބޮޑަށް ފުރައްސާރަކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ޢަޤީދާ ދުނިޔެއިން ފުހެލުމަށާއި މުސްލިމުންނަކީ ނުރައްކާތެރި ބައެއްކަމަށްވެސް މިފިލްމުން ދައްކައިދޭ ކަމަށްވެއެވެ. މިފިލްމު އުފެއްދި ޑައިރެކްޓަރަކީ އިސްރާއީލުގެ ހަރުކަށި ޔަހޫދީއެއް ކަމަށްވާ ސާމް ބަޒީލް ނަމަކަށްކިޔާ މީހެކެވެ. މިފިލްމު އުފެއްދުމުގެ ފައިސާގެ އެހީދިން އެއްފަރާތަކީ ކީރިތި ޤުރްއާނުގެ މުސްޙަފްގެ ކޮޕީތައް އެންދުމުގެ ނުބައި މުޑުދާރު ޢަމަލު ހިންގާފައިވާ އެމެރިކާގެ ހަރުކަށި ނަސާރާއެއްކަމަށްވާ ޓެރީ ޖޯންޒް އެވެ.
ޖޯންޒް މީގެ ދެ ތިންދުވަސް ކުރިންވަނީ ކީރިތި ރަސޫލާއަކީ "ޝަރީޢަތް" ހިންގަންޖެހޭ "އަނިޔާވެރި ޝަޚްސިއްޔަތެއް" ކަމަށް ސިފަކޮށްފައެވެ. އަދި ކީރިތި ރަސޫލާގެ މައްޗަށް ބައިނަލްއަޤްވާމީ ގޮތުން "ޝަރީޢަތް" ހިންގާނެ ދުވަހެއް ކަނޑައަޅަމުގެ ކަންތައް ކުރިޔަށްދާ ކަމަށާއި ސެޕްޓެމްބަރު 11 އަކީ މިކަންކުރަން އެންމެ ރަނގަނޅު ދުވަސްކަމަށްބުނެ މުސްލިމުންގެ ޖަޒުބާތުތަކާ ކުޅެ މުސްލިމުން ރުޅިއަރުވާލުމަށް ޓެރީ ގެންދަނީ މަސައްކަތްކުރަމުންނެވެ. މިމައްސަލަތަކާގުޅިގެން މިސްރުގެ އެތަށް ހާސްބަޔަކުވެސް ރޭގައިވަނީ ޤާހިރާގައި ހުންނަ އެމެރިކާގެ އެންބަސީއަށް އަރައިގަތުމަށް މަސައްކަތްކޮށްފައެވެ. -- އަލްޖަޒީރާ