އިޓަލީގެ އެހީއާއެކު ރާއްޖޭގައި މޫސުމީ ރާޑަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން: ޠާރިގް
އިޓަލީގެ އެހީއާއެކު ރާއްޖޭގައި މޫސުމީ ރާޑަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން: ޠާރިގް

އިޓަލީ ސަރުކާރުގެ އެހީގައި ރާއްޖޭގައި ރާޑަރުތަކެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިޓަލީ ސަރުކާރުގެ އެހީގައި ހަތަރު ރާޑަރެއް ހަރުކުމުގެ މަޝްރޫއެއް މިހާރު ކުރިއަށްދާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާ ހަތަރު ކުދި ރާޑަރާއި، އައްޑޫގެ ޑޮޕްލާ ރާޑަރުގެ އިތުރުން މާލޭގައި ހުރި ރާޑަރު އެއްކޮށްލުމުން މުޅި ރާއްޖޭގެ މޫސުން ބެލެހެއްޓޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އިޓަލީ ސަރުކާރުގެ އެހީގައި ރާޑަރު ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ:

  • ކުޅުފުއްފުށި ސިޓީ

  • ފުވައްމުލަށް ސިޓީ
  • ވިލިމާލެ
  • ކައްދޫ

މިނިސްޓަރު ވިދާޅުވީ މިހާރު ކުދި ރާޑަރުތައް ހޯދުމަށް ފައިސާ ލިބި، ބީލަމަށް ހުޅުވާލައިފައިވާ ކަމަށެވެ. އެހެންކަމުން މާ ލަސްތަކެއްނުވެ ރާޑަރު ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވި އެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް --- ފޮޓޯ: ރައީސް އޮފީސް

ޠާރިގް ވިދާޅުވީ އައްޑޫގައި ބަހައްޓާ ޑޮޕްލާ ރާޑަރު ބެހެއްޓުމަށް ވެސް އިއުލާނުކޮށްފައި ވާކަމަށާއި އެކަމަށްވެސް މިހާރު ފައިސާ ލިބިފައި ވާކަމަށެވެ.

ދެން އަދި އޭގެ އިތުރަށް ބޮޑު ޑޮޕްލާ ވެދާ ރާޑަރެއް އައްޑޫ ގަމުގައި ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ. އޭގެ ޓެންޑާކުރުމުގެ މަސައްކަތް ކުރެވިގެން އެދަނީ.އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް

މިނިސްޓަރު ވިދާޅުވީ އެ ކަންކުރުމުގެ މައިގަނޑު މަގްސަދަކީ ރާޑަރު ނެޓްވޯކްތައް ގާއިމްކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއެކު އިލްމީ ދިރާސާތައް ކުރިއެރުވުން ކަމަށެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މައުލޫމާާތާއި އެކިއެކި ހާދިސާތަކުގައި ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމާއި މޫސުން ބެލުމާއި ލަފާކުރުމައި މޮޑެލްކުރުމުގެ އިތުރުން، އިމްޕެކްޓް ބޭސްޑް ފޯކާސްޓިންގެ މަސައްކަތްތައް ހަރުދަނާކުރުމުގެ އިތުރުން މޫސުމާގުޅޭ އެކިއެކި ހިރާސްތަކުގެ މައުލޫމާތާއި ދުރާލައިދޭ އިންޒާރުތައް އެންމެންނަށް ފޯރުކޮށްދޭ ނިޒާމު ހަރުދަނާކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވީއައިއޭގައި ބަހައްޓާފައިވާ ރާޑަރު މަރާމާތަށް ފަހު ބޭނުންކުރަން ފަށާފައިވަނީ ނިމުނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރެވޭފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ރާޑަރެއްކަމަށްވާއިރު އެ ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.