މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވޭ މީހަކު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދު ކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގއ. ދެއްވަދޫ ހިލްވާސަމް، އަލީފް އިބްރާހިމް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން އަމުރު ކުރީ ކްރިމިނަލް ކޯޓުން އޭނާ ހައްޔަރުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ އޭނާ އިތުރަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް ނުފެންނާތީ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ ކުރިން އޭނާ ހައްޔަރުކޮށްފައި ބަހައްޓަން ކުރި އަމުރުގައި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބެލެވޭކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު އަދި ނުނިމޭކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އެތަކެތި ގެންގުޅުމުގެ ކުށްތަކަކީ ނުރައްކާތެރިކަން ބޮޑު ކުށުގެ އަމަލެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާކަމާއި އަދި އެފަދަ މައްސަލައެއްގެ ތަހުގީގު ކުރިއަށްދައިރު އެމީހަކު ދޫކޮށްލުމަކީ އެމީހެއްގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމެއްކަމަށް ވެސް އެ ހުކުމްގައި ވެއެވެ.