04 Sep 2010, 09:16
14:00
އެ ހަބަރު ރާއްޖޭގެ މީޑިއާގައި އައީ، ރިސޯޓުތަކުގައި މޫދަށް އެރި އުޅެނިކޮށް އެހެން ޓޫރިސްޓުން ވެސް މަރުވުމުން ކަވަރުކުރަމުން އަންނަ ގޮތަށެވެ. ނަމަވެސް ދުނިޔޭގެ މީޑިއާގައި މުޅިން ތަފާތެވެ.
ރ. މީދުއްޕަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރައްވަނިކޮށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ގެނބިގެން އަވަހާރަވި ޑރ. އަލީ ބަކްރަން އަކީ މުޅި އިނގިރޭސިވިލާތުގަ އާއި ޔޫރަޕްގައި ވެސް މަޝްހޫރު ޑޮކްޓަރެކެވެ. އަނބިކަނބަލުން ޑަޔާނާ އާއި ދަރިފުޅު މަރިޔަމް ވެސް ގޮވައިގެން ޑރ. އަލީ މިދިޔަ މަހު ރާއްޖެ ވަޑައިގަތީ ޗުއްޓީ ހޭދަކޮށްލައްވާށެވެ.
ރިސޯޓުގައި ޗުއްޓީ ހޭދަކުރައްވަނިކޮށް ޑރ. އަލީ ފެނުނީ ރިސޯޓްގެ ފަޅުތެރެއަށް ގެނބި އަވަހާރަވެފައި އޮއްވަ އެވެ. ހެނދުނު 10:30 ގައި ޑރ. އަލީގެ ހަށިގަނޑު މޫދުން ފެނުނުއިރު ދަރިފުޅު މަރިޔަމް ހަމަ އެ ސަރަހައްދުގައި މޫދަށް އެރި އޮތެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ، އިންޑިޔާ އަށް އުފަން ޑރ. އަލީ އަކީ ވެސްކިއުލާ ޓްރާންސްޕްލާންޓް ސާޖަރީ ހެދުމުގައި ނުވަތަ ހިތާއި ލޭހޮޅިތަކުގެ ސާޖަރީ ހެދުމުގައި އިނގިރޭސިވިލާތާއި ޔޫރަޕްގައި އެންމެ މަޝްހޫރު އެއް ޑޮކްޓަރެވެ. ޑރ. އަލީ އަވަހާރަވުމުން އިނގިރޭސީ ވިލާތުގެ ބައެއް ނޫސްތަކުން ސިފަކޮށްފައި ވަނީ ލޭހޮޅިތަކުގެ ޓްރާންޕްލާންޓް ހެދުމުގައި "އެއްވަނަ ދަރަޖަ ދޭންޖެހޭ ޑޮކްޓަރު ގެއްލުނީ" ކަމަށެވެ.
އިނގިރޭސިވިލާތުގެ ރޯޔަލް ލިވަޕޫލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑރ. އަލީ ރާއްޖެ ވަޑައިގަތީ އިނގިރޭސިވިލާތުގެ މެޑިކަލް ކޮމިއުނިޓީގެ އެމްބެސަޑަރެއްގެ ގޮތުގައި އެފްރިކާގެ ބައްރުތަކަށް ދަތުރުކުރެއްވުމުގެ ކުރިން އާއިލާއާއެކު ވަގުތު ހޭދަކޮށްލެއްވުމަށެވެ. އެހެންކަމުން ޑރ. އަލީ އަވަހާރަވި ހަބަރު ވެގެންދިޔައީ އިނގިރޭސިވިލާތަށް، ހާއްސަކޮށް މެޑިކަލް ކޮމިއުނިޓީގެ ތެރެއަށް ފުން ހިތާމައެއް ފެތުރިގެންދިޔަ ހަބަރަކަށެވެ. އެ ހަބަރު ދުނިޔޭގެ މަޝްހޫރު ހުރިހާ މީޑިއަމަކުން ވެސް ގެނެސްދިނީ ޑރ. އަލީގެ އަވަހާރަވުމަކީ "ބޮޑުވެގެންވާ ހިތާމައެއްގެ" ގޮތުގައި ސިފަކުރަމުންނެވެ.
ޑރ. އަލީ މަސައްކަތް ކުރައްވާ ރޯޔަލް ލިވަޕޫލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލާއި މެޑިކަލް ކޮމިއުނިޓީގެ ބޮޑު އެހީތެރިއެއް ކަމަށްވާ އުމުރުން 61 އަހަރުގެ ޑޮކްޓަރު ގެނބިގެން އަވަހާރަވީ މޫދުތެރެއިން އައި "ދަމައިގަތުމެއް"ގެ ސަބަބުން ކަމަށެވެ. ޕޯސްޓްމޯޓެމްގެ އެހީގައި ޑރ. އަލީގެ މަރުގެ ހަގީގަތް އާއިލާއިން ބަލާނެ ކަމަށް ވެސް އެ ބަޔާނުގައި އެވެ.
ޑރ. އަލީގެ ހަށިކޮޅު މިހާރު ވަނީ އިނގިރޭސިވިލާތަށް ގެންގޮސްފަ އެވެ. އާއިލާ އިން އިންތިޒާރުކުރަމުން އަންނަނީ ޕޯސްޓްމޯޓެމްގެ ނަތީޖާއަށެވެ.
ލިވަޕޫލުގެ މެޑިކަލް ކޮމިއުނިޓީގެ މެންބަރެއްގެ އިތުރުން ޑރ. އަލީ އަކީ ހިލޭސާބަހަށް ހިދުމަތް ކުރެއްވުމުގައި ވެސް ވަރަށް އަވަދިނެތި އުޅުއްވާ ބޭފުޅެކެވެ. ނޭވާ ހޮޅިއަށް އެޅެމުންދާ އެތަކެއް ހާސް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ޑރ. އަލީގެ ހިދުމަތް މެދުނުކެނޑި ލިބެމުން އަންނަތާ 20 އަހަރު ވަނީ ވެފަ އެވެ. އެތައް ހާސް ބައެއްގެ ހިތެއްގައި އަތްލައި، ފިރުމައި، ފަރުވާދީފައިވާ އޯގާތެރި ޑރ. އަލީ އިނގިރޭސިވިލާތުގެ ގިނަ ބަޔަކު ސިފަކުރަނީ "ހިތްހެޔޮ ޑޮކްޓަރު"ގެ ގޮތުގަ އެވެ.
ޑރ. އަލީގެ ގާތް މީހުންނާއި އޭނާއާއެކު މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި އޭނާ އެހީތެރިކަންދެއްވާ ހޮސްޕިޓަލްތަކާ މެޑިކަލް ކޮލެޖްތަކާ ހަވާލާދީ ރޯޔަލް ލިވަޕޫލް ހޮސްޕިޓަލުގެ ތަރުޖަމާނަކު ބުނެފައި ވަނީ ޑރ. އަލީ އަވަހާރަވުމުން އޭނާގެ އާއިލީ ބޭފުޅުންނާއި އެކުވެރިންނާއި ހޮސްޕިޓަލާއި ހާއްސަކޮށް މުޅި ސިއްހީ ދާއިރާ ވަރަށް ބޮޑު ހިތާމައެއްގެ ތެރޭ، ޑރ. އަލީގެ މަތިން ހަނދާންކުރުމުގެ ދުވަސްތަކެއް ގުނަމުންދާ ކަމަށާއި ރޯޔަލް ލިވަޕޫލްގެ ހޮސްޕިޓަލުގެ ތެރެއަށް ކަރުނަތައް ބަންޑުންވެފައިވާ ކަމަށެވެ.
"ޑރ. އަލީ އަކީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކޮންމެ މީހަކަށް ވެސް ހިތްހެޔޮކަމާއެކު ފަރުވާދެއްވާ ޑޮކްޓަރެއް. އަހަރެމެން އެންމެންގެ ހެޔޮ އެދުންތައް ވަނީ ޑރ. އަލީގެ އާއިލާއާއެކު."
ޑރ. އަލީގެ ނެތިދިއުން ވެގެން ގޮސްފައި ވަނީ، އޭނާގެ އާއިލާ އާއި ގާތް ރައްޓެހިންގެ އިތުރުން އިނގިރޭސީންގެ އެތައް ބައެއްގެ ހިތް ކުދިކުދިވެގެންދިޔަ ކަމަކަށެވެ. ނަމަވެސް ޑރ. އަލީ ނެތުމުން މިއަދު އެ މީހުންނަށް ވަނީ އެކަމަށް ފަރުވާއެއް ވެސް ނުލިބިފަ އެވެ. އެކަމަށް ލިބޭނެ ފަރުވާއެއް ވެސް ނެތެވެ.