އަންނަ ޖޫން މަހުގެ ހައެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީއެންސީއިން ބުނި ގޮތުގައި، ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން، އަންނަ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި ދާއިރާއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.

ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ޕާޓީގެ ޓިކެޓަށް ޝަރުތު ހަމަވާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ބާއްވާ އެތެރޭގެ ޕްރައިމަރީއަކުންނެވެ.

މި ޕްރައިމަރީގައި ވާދަކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ، އަދި ޕީއެންސީގެ ދަފްތަރުގައި ހިމެނޭ ނުވަތަ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެ ޕާޓީގެ އިޢުލާނުގައި ބުނެފައިވެއެވެ.

ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގާ ގުޅޭގޮތުން ޕީއެންސީން ބުނީ، ވޯޓު ދެވޭނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ މެންބަރުންނާއި، އިއްޔެގެ ނިޔަލަށް ޕާޓީއަށް ވަނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އަންނަ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީ ބޭއްވުމަށް ޕީއެންސީން ތާވަލުކޮށްފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 25 ވާ ހޮނިހިރު ދުވަހު، ހެނދުނު 09:00 އިން ހަވީރު 04:00 އަށް ކަމަށް އެ ޕާޓީން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އާދިއްތަ ދުވަހުގައިއެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރިއިރު، އެއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

ގާނޫނު ބުނާގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

އެގޮތުން އާދިއްތަ ދުވަހު އީސީން ނެރުނު އިއުލާނެއްގައި ވަނީ، ބައި-އިލެކްޝަން ބާއްވާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު، ހެނދުނު 8:00އިން ހަވީރު 4:00އަށް ކަމަށް އިޢުލާންކޮށްފައެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުން، ޖޫން އަށް ވަނަ ދުވަހުއެވެ.