12 Sep 2012, 14:31
ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ދޭ، ހައްޖު ދަތުރަށް އެދި ރާއްޖެއިން ނަން ފޮނުވުމުގެ ފުރުސަތު ދޭނެ ތިން ބްރޯޑްކާސްޓް ޗެނަލް ގުރުއަތުން ހޮވައިފި އެވެ.
މިއަދު ބްރޯޑްކާސްޓިން ކޮމިޝަނުގައި ބޭއްވި ގުރުއަތުލުމުގައި ސައުދީ ސަރުކާރަށް ރާއްޖެއިން ބްރޮޑްކާސްޓަރުންގެ ނަން ފޮނުވާނެ ތިން ޗެނަލް އަކަށް ހޮވުނީ ރާއްޖެ ޓީވީ އާއި ވީޓީވީ އަދި ދިވެހި ރާއްޖޭގެ އަޑެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ މިއަދު ގުރުއަތުން ހޮވުނު ތިން ޗެނަލަށް ލިބިގެންދާނެ ފުރުސަތަކީ ހައްޖަށް ފޮނުވަން ބޭނުންވާ މީހެއްގެ ނަން ސައުދީ ސަރުކާރަށް ހުށަހެޅުން ކަމަށާއި އޭގެ ތެރެއިން ސައުދީ ސަރުކާރުން ދޭ ހައްޖު ދަތުރު ލިބޭނީ އޭގެ ތެރެއިން ކޮންމެވެސް އެއް ފަރަތާކަށް ކަމަށެވެ.
"ގުރުއަތުން މި ނަގަނީ ތިން ބްރޯޑްކާސްޓަރުން. ގުރުއަތުން ހޮވޭ ތިން ބްރޯޑްކާސްޓަރުންނަށް ލިބިގެންދާ ފުރުސަތަކީ އެ ބްރޯޑްކާސްޓަކުން ބޭނުންވާ މީހެއްގެ ނަން ފޮނުވުމުގެ ފުރުސަތު. ގުރުއަތުން ހޮވޭ ތިން ބްރޯޑްކާސްޓަރުން ފޮނުވާ ތިން ނަން އަޅުގަނޑުމެން ސައުދީ ސަރުކާރަށް ފޮނުވުމުން ސައުދީ ސަރުކާރުން އެ ބޭފުޅުންގެ މައުލޫމާތަކަށް ބެއްލެވުމަށް ފަހު މި ކަނޑައަޅަނީ ކޮން ބޭފުޅަކަށް ކަން ހައްޖު ދަތުރު ދޭނީ،" ޝަހީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައުދީ ސަރުކާރުގެ ހައްޖު ދަތުރު ލިބޭ ބްރޯޑްކާސްޓަރަކަށް ހައްޖުގެ އަޅުކަން ހިނގަމުންދާ ގޮތް ކަވަރު ކުރެވޭނެ ކަމަށާއި އެހެން ކަމުން ނަން ފޮނުވުމުގައި ހުރިހާ ގޮތަކުން ރަނގަޅު ބޭފުޅެއްގެ ނަން ފޮނުވުމަށް އެ ކޮމިޝަނުން އެދޭ ކަމަށެވެ.
މީގެ ކުރިން ހައްޖު ވެފައިނުވާ މީހެއްގެ ނަން ފޮނުވަމީ ސައުދީ ސަރުކާރުގެ ޝަރުތުކޮށްފައިވާ ކަމެއް ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު ސައުދީން ދޭ ހައްޖު ދަތުރަށް ރާއްޖެއިން ނަން ފޮނުވުމުގެ ފުރުސަތު ދޭނެ އާ އޫސޫލުތަކެއް އެ ކޮމިޝަނުން ކަނޑައަޅާނެ ކަމަށެވެ. އެގޮތުން މިއަހަރު ފުރުސަތު ދިން އެއްވެސް ޗެނަލަކަށް ފުރުސަތު ނުދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ސައުދީ ސަރުކާރުގެ ހައްޖު ދަތުރު ލިބެމުންދަނީ ހަމަ އެކަނި ދައުލަތުގެ މީޑިޔާއަށެވެ.