12 Sep 2012, 14:11
ކަރާޗީ (ސެޕްޓެމްބަރު 12): ޕާކިސްތާނުގެ ދެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ދެ ޙާދިސާއެއްގައި ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެ ފަންސާހެއްހާ މީހުން ފިހިއްޖެ އެވެ. ޕާކިސްތާނުގެ ސަރުކާރުން ބުނި ގޮތުގައި މީގެތެރެއިން ފުރަތަމަ ޙާދިސާގައި އަލިފާންރޯވެފައި ވަނީ ޓެކްސްޓައިލް ކާރުޚާނާ އެއްގަ އެވެ.
ކަރާޗީގައި ހުންނަ ހަތަރުބުރީގެ މި ޓެކްސްޓައިލް ކާރުޚާނާގައި ރޭ ހިނގި އަލިފާނުގެ ޙާދިސާގައި 73 މީހަކު މަރުވެފައިވާ އިރު ލާހޯރުގައި ހުންނަ ބޫޓް ހަދާ ކާރުޚާނާއެއްގައި އިއްޔެ ހިނގި އަލިފާނުގެ ޙާދިސާގައި މިހާތަނަށް މަރުވި މީހުންގެ ޢަދަދުވަނީ 27 އަށް އަރާފަ އެވެ. މި ދެ ޙާދިސާގައި މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުވާނެ ކަމަށާއި ގެއްލިފައިވާ އެތަށްބަޔަކުވާއިރު އެމީހުން މަރުވެ ހަށިތައް އަނދާފައިވާ ކަމަށްވަނީ ބެލެވިފަ އެވެ. މިދެ ޙާދިސާގައި މަރުވި މީހުންގެ ތެރޭގައި 10 އަންހެނަކު ވެސް ހިމެނޭކަމަށް ޕާކިސްތާނުގެ ސިއްޙަތާބެހޭ ދާއިރާތަކުން ބުނެ އެވެ.
މިދެ ކާރުޚާނާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެދެފެކްޓްރީގެ ބޮޑުބައެއްވަނީ ހަލާކުވެފަ އެވެ. އަލިފާނުގެ މިދެޙާދިސާ ހިނގާފައި ވަނީ އެދެކާރުޚާނާގެ ސަލާމަތީކަންކަން ބޮއްސުންލާފައިވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ސިނާޢަތާބެހޭ ވަޒީރު ވިދާޅުވި އެވެ. ޕާކިސްތާނުގެ އަމިއްލަކުންފުންޏަކަށް ނިސްބަތްވާ ޓެކްސްޓައިލް ކާރުޚާނާގެ ވެރިޔާ ވަނީ މިޙާދިސާއާގުޅިގެން ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުންވަނީ މި ދެ ޙާދިސާ ވެސް ތަޙްޤީޤްކުރަންފަށާފަ އެވެ.
މި ދެކާރުޚާނާގެ ތެރެއިން ލާހޯރުގެ ބޫޓް ކާރުޚާނާގައި އަލިފާންރޯވީ އިލެކްޓްރިކް ޓްރާންސްފޯމަރެއްގެ ސަބަބުންކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ކަރާޗީގެ ކާރުޚާނާގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އެނިގިފައެއް ނުވެ އެވެ. މި ދެ ޙާދިސާއާ ގުޅިގެން ޕާކިސްތާނުގެ ކާރުޚާނާތަކުގެ ސަލާމަތާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.
ޕާކިސްތާނުގެ ސަރުކާރުތަކުގައި ފެތުރިފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން ކާރުޚާނާތަކުގެ ސަލާމަތީ ކަންކަން ބަލައި ޗެކްކުރުމުގައި އިހްމާލްވުމާއި އެކަމުގެ ފަންނީ ޤާބިލްކަން ދަށްވުމުގެ ސަބަބުން އެޤައުމުގެ ކަމާބެހޭ އިދާރާތައް ވަނީ މިފަދަ މައްސަލަތަކާ ކުރިމަތިލުމަށް ނުކުޅެދިފަ އެވެ. (ނޫސްއެޖެންސީތައް)