12 Sep 2012, 14:11
ކަރާޗީ (ސެޕްޓެމްބަރު 12) : ޕާކިސްތާނުގެ ދެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ދެ ހާދިސާއެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވެ ފަންސާހެއްހާ މީހުން ފިހިއްޖެއ ެވެ. ޕާކިސްތާނުގެ ސަރުކާރުން ބުނިގޮތުގައި މީގެތެރެއިން ފުރަތަމަ ޙާދިސާގައި އަލިފާންރޯވެފައިވަނީ ޓެކްސްޓައިލް ކާރުޚާނާ އެއްގަ އެވެ.
ކަރާޗީގައި ހުންނަ ހަތަރު ބުރީގެ މި ޓެކްސްޓައިލް ކާރުޚާނާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 73 މީހަކު މަރުވެފައިވާއިރު ލާހޯރުގައި ހުންނަ ބޫޓް ހަދާ ކާރުޚާނާއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ ޢަދަދުވަނީ 27 އަށް އަރާފައެވެ. މި ދެ ހާދިސާގައި މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވާނެ ކަމަށާއި ގެއްލިފައިވާ އެތައް ބަޔަކުވާއިރު އެމީހުން މަރުވެ ހަށިތައް އަނދާފައިވާ ކަމަށްވަނީ ބެލެވިފަ އެވެ. މިދެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 10 އަންހެނަކު ހިމެނޭކަމަށް ވެސް ޕާކިސްތާނުގެ ސިއްޙަތާބެހޭ ދާއިރާތަކުން ބުނެއެވެ.
މިދެ ކާރުޚާނާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ބޮޑުބައެއްވަނީ އަނދައިފަ އެވެ. އަލިފާނުގެ މި ދެ ހާދިސާ ހިނގާފައިވަނީ އެ ދެ ކާރުޚާނާގެ ސަލާމަތީކަންކަން ބޮއްސުންލާފައިވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ސިނާޢަތާބެހޭ ވަޒީރު ވިދާޅުވިއެވެ.
ޕާކިސްތާނުގެ އަމިއްލަކުންފުންޏަކަށް ނިސްބަތްވާ ޓެކްސްޓައިލް ކާރުޚާނާގެ ވެރިޔާ ވަނީ މިޙާދިސާއާގުޅިގެން ހައްޔަރުކޮށްފައެވެ. އަދި ފުލުހުންވަނީ މިދެ ޙާދިސާ ވެސް ތަޙްޤީޤްކުރަންފަށާފަ އެވެ.
މި ދެ ކާރުޚާނާގެ ތެރެއިން ލާހޯރުގެ ބޫޓް ކާރުޚާނާގައި އަލިފާންރޯވީ އިލެކްޓްރިކް ޓްރާންސްފޯމަރެއްގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ކަރާޗީގެ ކާރުޚާނާގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އެނިގިފައެއް ނުވެއެވެ. މި ދެ ޙާދިސާއާ ގުޅިގެން ޕާކިސްތާނުގެ ކާރުޚާނާތަކުގެ ސަލާމަތާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
ޕާކިސްތާނުގެ ސަރުކާރުތަކުގައި ފެތުރިފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން ކާރުޚާނާތަކުގެ ސަލާމަތީ ކަންކަން ބަލައި ޗެކްކުރުމުގައި އިހްމާލްވުމާއި އެކަމުގެ ފަންނީ ޤާބިލްކަން ދަށްވުމުގެ ސަބަބުން އެޤައުމުގެ ކަމާބެހޭ އިދާރާތައްވަނީ މިފަދަ މައްސަލަތަކާ ކުރިމަތިލުމަށް ނުކުޅެދިފައެވެ. --ނޫސްއެޖެންސީތައް