ޗާގޯސް ޖަޒީރާތައް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސައިލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މިއަދު މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

ފޯޅަވަހީގެ މުސްތަގުބަލާއި އެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް ހުރިކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުއަޅާ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ބާރުއަޅާކަމަށް ބުންޏެވެ.

މޮރިޝަސްއަށް ފޯޅަވަހި ދިނުމުގެ އެއްބަސްވުން މަޑުޖައްސައިލީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެކަމަށް ރަސްމީ ހުއްދަ ނުދިނުމުންނެވެ. ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުންނާތީ، އެ ސަރަހައްދުގެ ކޮންޓްރޯލް މޮރިޝަސްއަށް ދިނުމާ މެދު ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކައިރް ސްޓާމާއަށް ޓްރަމްޕް އިލްތިމާސް ކުރެއްވީ އެ އެއްބަސްވުން އުވާލުމަށެވެ. މިދިޔަ އަހަރުގެ މެއި މަހު ވެވުނު އެއްބަސްވުމުގެ ދަށުން، ޑިއޭގޯ ގާސިއާ 99 އަހަރަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އެމެރިކާގެ ތާއިދު ނެތި މި އެއްބަސްވުމަށް އަމަލުކުރެވޭކަށް ނެތެވެ.

ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން އިއުތިރާޒު ކުރާތީ، މޮރިޝަސްގެ ކެބިނެޓުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުންތައް ކަނޑައިލުމަށް ވެސް ނިންމާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށާއި، މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރަމުންނެވެ.