ނ. މާފަރު ހިތް ފަސޭހަގޭ ހަސަން އަބޫބަކުރު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ކުއްޖާ ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ނަގައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދިފާއީ ހެކި ހުށަހެޅުމަށް އެ ކުއްޖާއަށް ދިން ފުރުސަތުގައި ތިން މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ އެދުމުގެ މަތިން އެ ތިން މީހުންގެ ނަގާފައި ވަނީ ދެމީހެއްގެ ހެކި ބަސް ކަމަށް ވެސް ކޯޓް އޮފިޝަލް ވިދާޅުވި އެވެ.

"ދައުވާ ލިބޭ ފަރާތުން ދިފާއުގައި ވަނީ ތިން ހެއްކަކު ހުށަހަޅާފަ. ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ އޭގެ ތެރެއިން އެކެއްގެ ހެކިބަސް ނަގާފަ. އަދި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ ދެވަނަ މީހާގެ ހެކިބަސް ނަގާފަ. ތިން ވަނަ މީހާގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދައުވާ ލިބޭ ފަރާތުން ބުނެފައި ވާތީ އެ މީހާގެ ހެކިބަސް ނަގާފައި ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހެކިބަސް ދޭނެ މީހެއް ނެތްކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އޮފިޝަލް ވިދާޅުވީ އެ ކުއްޖާ ތަހުގީގަށް ބަޔާން ދިން އިރު ވީޑިއޯ ކޮށްފައިވާނަމަ އެ ވިޑިއޯ އެއް ޝަރީއަތަށް ހުށަހެޅުމަށް ކޯޓުން އެންގުމުން ދައުލަތުން އެ ވީޑިއޯ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެ ކުއްޖާ ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހަޅަން ދައުލަތަށް ފުރުސަތު ދިނުމުން ދައުލަތުން ބުނެފައި ވަނީ ހުށަހަޅާނެ ހެއްކެއް ނެތްކަމަށް. ދެން ޝަރީއަތުން ދައުލަތަށް އަންގާފައި ވަނީ އެ ކުއްޖާ ތަހުގީގަށް ބަޔާން ދިން އިރު ވީޑިއޯ ރެކޯޑު ކޮށްފައިވާނަމަ އެ ރެކޯޑިން ޝަރީއަތަށް ހުށަހެޅުމަށް. ދައުލަތުން މިހާރު ވަނީ އެ ވިޑިއޯ ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްޖާ ދައުވާއަށް އިންކާރު ކުރިނަމަވެސް އެ މައްސަލައިގެ ތަހުގީގުގައި އެކުއްޖާ ވަނީ ހަސަން އަބޫބަކުރު މަރާލިގޮތް ކިޔައިދީފަ އެވެ.

ޖުވެނައިލް ކޯޓުން ބުނީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މި އަހަރުގެ މެއި 29 ވަނަ ދުވަހުގެ 1:00 ޖަހާ އެހާކަންހާއިރު ލ. އިސްދޫ އެވަލާސްޓް، މުހައްމަދު ފައިސަލާއި ގ. އިރުފާ، އަހުމަދު ނައުޝާދާއި ބައިވެރިވެގެން ހަސަން އަބޫބަކުރު ބަނދެ އޭނާ ދިރިއުޅޭ ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި ހަސަން އަބޫބަކުރު ނިދާފައި އޮއްވައި އެ ތިން މީހުން އެގޭގެ ގިފިލީގެ ދޮރުން އެ ގެއަށް ވަދެފައިވާ ކަމަށެވެ.

އަދި އެ ތިން މީހުން އެގެއަށް ވަނުމަށް ފަހު އަބޫބަކުރު ހިފަހައްޓައި ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި އެ ކުއްޖާ އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިލޭޝަން ޓޭޕުން ދެ އަތް ބަދެފައިވާ ކަމަށެވެ.

ދައުވާގައި ބުނަނީ އެ ތިން މީހުންގެ އަމަލުތަކުގެ ސަބަބުން އަބޫބަކުރު މަރުވެފައި ވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން އެ ކުއްޖާގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ފައިސަލާއި ނައުޝާދުގެ ޝަރީއަތް ވަނީ ޖުލައި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ފަށާފަ އެވެ. އެ ދެ މީހުން ވެސް ވަނީ މުޅި ދައުވާއަށް އިންކާރުކޮށްފަ އެވެ.

ސަން އޮންލައިނަށް އަށް އެނގިފައިވާގޮތުގައި އެމީހުން ވަނީ އެގެއިން ވަގަށް ނަގައި ވަޅުލާފައިވާ ފައިސާތައް ވެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.