ޖުމްހޫރީ ޕާޓީން އިލެކްޝަނަށް ހުށަހެޅި ގިނަ އަދަދެއްގެ މެންބަޝިޕް ފޯމް ރަޖިސްޓްރީ ނުކޮށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ބުނެ އެ އެ ޕާޓީން މިއަދު އިލެކްޝަން ކޮމިޝަނަށް ހިނގައްޖެ އެވެ.

އެ ޕާޓީގެ ރަޖިސްޓްރާ ޖެނެރަލް މުހަންމަދު އިމްތިޔާޒު (އިންތި) މިއަދު ވިދާޅުވީ 5000 ފޯމް އިލެކްޝަން ކޮމިޝަނަށް ފޮނުވުމުން ޕެންޑިންގައި ގިނަ ދުވަސްތަކެއް ވަންދެއް ބެހެއްޓުމަށްފަހު އޭގެތެރެއިން 2000 ފޯމް ކުއްލި ގޮތަކަށް އަނބުރާ ފޮނުވައިލުމުން ޕާޓީގެ ފަރާތުން އިލެކްޝަން ކޮމިޝަނާ ބައްދަލުކުރަން ނިންމީ އެންމެ ރަނގަޅަށް އެކަން ހިނގާފައިވާ ކަމަށް ނުފެންނާތީ ކަމަށެވެ.

"އެބޭފުޅުން ގަބޫލު ކުރެއްވި އާ މުވައްޒަފުން ޓުރެއިނިންއަށް ނަންގަވައިގެން ފޯމްތައް ޗެކް ކުރެވުނީމާ އެކަހަލަ މައްސަލައެއް ދިމާވެފައި ހުރެދާނެ ކަމަށް. ވަރަށް ރަހުމަތްތެރި މާހައުލެއްގައި މަޝްވަރާ ކުރުމަށްފަހު އެހެންހުރި މައްސަލަތައް އެބޭފުޅުން ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވި. އަޅުގަނޑުމެންގެ ފޯމްތަށް އަލުން ކިޔު ތަރުތީބު ނޫން ގޮތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ރަނގަޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވި. އަދި މިކަމަކީ ހަމައެކަނި ޖުމްހޫރީ ޕާޓީއަށް އެކަނި އޮތްގޮތެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކަށް ވެސް މި އުސޫލުް އޮންނާނެކަމަށް ވިދާޅުވި،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އެ ޕާޓީން ފޮނުވާފައިވާ ފޯމްތަކުގެ ތެރެއިން މައްސަލަޖެހިފައިހުރި ފޯމްތައް ރަނގަޅު ކުރުމަށްފަހު ވަރަށް އަވަހަށް އިލެކްޝަނަށް ހުށައަޅާނެ ކަމަށާއި އަނބުރާ ފޮނުވައިލި ފޯމްތަކުގެ ތެރެއިން 98 ޕަސެންޓް ފޯމް ފޮނުވާލާފައި ހުރީ ފިންގާ ޕްރިންޓުގެ މައްސަލައިގައި ކަމަށެވެ. ފިންގާ ޕްރިންޓް މައްސަލަގައި ސިޔާސި ޕާޓީތަކަށް ޓްރެއިނިން ދެއްވާނެ ކަމަށް އިލެކްޝަނުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޯމްތައް އަނބުރާ ފޮނުވަައިލާ މައްސަލާގައި ޖުމްހުރީ ޕާޓިން އިލެކްޝަނަ މަޝްވަރާކޮށްފައިވާއިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑްވިސް (ޕީޕީއެމް) ގައި ރަޖިސްޓްރީ ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން 8000 ފޯމް އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޕީއެމްއިން ވެސް ވަނީ ބުނެފަ އެވެ. އެ ޕާޓީގެ ފޯމްތައް ފޮނުވާލީ ވެސް ފިންގާ ޕްރިންޓްގެ މައްސަލައިގަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަށް ހުށަހަޅާ ފޯމް ފޮނުވާލެވޭ މައިގަނޑު މައްސަލައަކީ ސާފު ނުވާ ގޮތަށް ފިންގާ ޕްރިންޓް ޖަހާފައި ހުންނާތީ ކަމަށައި އެކަމާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާކުރާނެ ކަމަށެވެ.