ލުބުނާނާ މަޝްވަރާ ކުރާނީ ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމުން: ނަތަންޔާހޫ
ލުބުނާނާ މަޝްވަރާ ކުރާނީ ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމުން: ނަތަންޔާހޫ

ލުބުނާނަށް އިތުރު ހަމަލާތައް ދޭނެ ކަމަށާއި މަޝްވަރާ ކުރަން އެއްބަސްވާނީ ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމުން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ރެކޯޑްކޮށްފައިވާ ތަގުރީރެއްގައި ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ދާދި ފަހުން ލުބުނާނުން ސީދާ މަޝްވަރާތަކަށް ދާން މަސައްކަތްކުރީ އިސްރާއީލުން ކުރި މަސައްކަތުން ކަމަށެވެ.

އަސްކަރީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމުގެ އިންޒާރު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ "އަދި ނުނިމޭ" ކަމަށާއި އިސްރާއީލުން "އިންތިހާއަށް ބޮޑު ކާމިޔާބީތަކެއް" ހާސިލްކޮށްފައިވާ ކަމަށެވެ.

ލުބުނާނާއި އިސްރާއީލުން މަޝްވަރާކުރަން ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު އެމެރިކާގައި ބާއްވާނެ ކަމަށް ހުކުރު ދުވަހުގެ ރޭ ލުބުނާނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މިދިޔަ މަހު 16 ވަނަ ދުވަހު އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ސުންނާފަތިކޮށްލާފައިވާ ސަރަހަދެއް. ފޮޓޯ/އޭއެފްޕީ

މަޝްވަރާތައް ބާއްވާނީ އެމެރިކާގައި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިސްރާއީލާއި ލުބުނާނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފްތާގައި ބައްދަލުވުމެއް ބާއްވާނެކަން ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުން ލުބުނާނަށް ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާގައި މިދިޔަ ބުދަ ދުވަހު ވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ނަތަންޔާހޫ ވަނީ މީގެ ކުރިން ލުބުނާނާއެކު މަޝްވަރާތައް ކުރުމަށް ވަޒީރުންނަށް އަމުރުކޮށްފައެވެ.

މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ވަރުގަދަ ހަމަލާތަކުގައި 2،020 މީހުން މަރުވެ 6،436 މީހުން ޒަހަމްވެފައިވެއެވެ.