ރީތީގެ ރާނީ މަނޫޝީ ޗުއްޓީއަށް ރާއްޖެއަށް
ރީތީގެ ރާނީ މަނޫޝީ ޗުއްޓީއަށް ރާއްޖެއަށް

އިންޑިއާގެ ކުރީގެ ރީތީގެ ރާނީ އަދި މިހާރު ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ މަނޫޝީ ޗިލާރް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މީގެ ނުވަ އަހަރު ކުރިން ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލުކޮށް އެ ޝަރަފު އިންޑިއާއަށް ހޯދައިދިން މަނޫޝީ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ފަސް ތަރީގެ ލަގްޒަރީ ރިސޯޓް ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑްސްގައެވެ.

މަނޫޝީ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ހާމަކޮށް އެކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ. އެގޮތުން ބަތަލާ ވަނީ ޕަޓީނާ މޯލްޑިވްސްގައި ނަގާފައިވާ ބައެއް ފޮޓޯތައް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އިއްޔެގެ ވަގުތެއްގައި މަނޫޝީ ރާއްޖެ އައިސްފައިވާއިރު ބަތަލާ ވަނީ މީގެކުރިންވެސް ދެ ފަހަރު މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ބެލެވޭގޮތުގައި މަނޫޝީ މިފަހަރުވެސް ރާއްޖެ އައިސްފައި ވަނީ އާއިލާއާ އެކުއެވެ.

ބަތަލާ މަނޫޝީ ރާއްޖޭގެ ޕަޓީނާ މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމް

ބަތަލާ މަނޫޝީ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވާއިރު މިފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފިލްމީ ފަންނާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އިންޑިއާގެ ފިލްމީ ތަރިންގެ އިތުރުން އެ ޤައުމުގެ މަޝްހޫރު ޝަހްސިއްޔަތުންގެ އެންމެ މަގުބޫލު އެއް މަންޒިލަކީ ދިވެހިރާއްޖެއެވެ.

ޔަޝް ރާޖް ފިލްމްސްއިން 2022ގައި ގެނެސްދިން "ސަމްރާތް ޕްރިތުވީރާޖް"އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "މާލިކް" އަދި "ތެހެރާން"އިންނެވެ.