މިދިޔަ މާޗް މަހު ރާއްޖެއަށް ޖެޓު އައި މިންވަރު 120 ނުވަތަ 130 ޕަސެންޓު އިތުރުވި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވަނީ، މެދުއިރުމަތީގައި ފެބްރުވަރީ 28ގައި ފެށި ހަނގުރާމައާ ގުޅިގެން މިއަދާ ހަމައަށް 626 ފުލައިޓް ކެންސަލްވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު މެދުކެނޑުނު ބައެއް ދަތުރުތައް މިހާރު ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން އަމީން ވިދާޅުވީ، ގަތަރު އެއާލައިންގެ ދަތުރުތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށާއި ނަމަވެސް، ކުރިން ދަތުރުތައް ކުރާ މިންވަރަށް މިހާތަނަށް ނުކުރެވޭ ކަމަށެވެ. މީގެ ކުރިން އެ އެއާލައިނުން ދުވާލެއްގެ މައްޗަށް ތިން ދަތުރު ނުވަތަ ހަތަރު ދަތުރު ކުރަމުން އައި ނަމަވެސް މިހާރު ކުރަމުން އަންނަނީ ދުވަލާކު ދަތުރެއް ނުވަތަ ދެދަތުރުކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމީން ވަނީ އެމިރޭޓްސްއިން ވެސް މިހާރު ދުވާލަކަށް ދެ ދަތުރު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި މުއްސަނދިން ރާއްޖެ ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އެގޮތުން މާޗް މަހަށް އެކަނި ބެލި ނަމަވެސް، ޖެޓު އައި މިންވަރު 120 ނުވަތަ 130 ޕަސެންޓު އިތުރުވި ކަމަށް އަމީން ވިދާޅުވިއެވެ.

މާޗް މަހު ގާތްގަނޑަކަށް 80 ވަރަކަށް ޖެޓް ރެކޯޑުކޮށްފައި މި ހުންނަނީ ރާއްޖޭއަށް އަންނަ. އެކަމަކު 190 ވަރަކަށް ޖެޓު ގެނެވުނީމަ އެއީ އަޅުގަނޑުމެން ހުރިހާ މިނިސްޓަރީތައް ގުޅިގެން ކުރި މަސައްކަތުގަ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމެއް.ޓްރާންސްޕޯޓް މިނިސްޓަރު މުޙާއްމަދު އަމީން

އަމީން ވިދާޅުވީ މެދުއިރުމައްޗަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، ދާއިރާ ސިންދަފާތު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އޭޝިއާ ބައްރުގެ އެއާއޭޝިއާއި އެއާ އިންޑިއާގެ ފްލައިޓްތައް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ޓާކިޝް އެއާލައިންގެ ޝެޑިއުލް ވެސް އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ އިތުރު އެއާލައިންތައް ވެސް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކަމަށާއި، އިތިއޯޕިއާ އެއާލައިނާއެކު ކުރިއަށް އޮތް ދެ ހަފުތާއެއް ތެރޭ އެއްބަސްވުމެއް ހަދާނެ ކަމަށް ވިދާޅުވެފައެވެ.

އާންމުގޮތެއްގައި ރާއްޖެއަށް ގިނަ އަދަދެއްގެ ޖެޓުތައް އަންނަނީ އައު އަހަރާއި ކްރިސްމަސް ފަދަ ޗުއްޓީތަކާ ދިމާކޮށެވެ. ނަމަވެސް ފާއިތުވި ހަފުތާތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކުރާ ޖެޓުތައް ވަނީ އިތުރުވެފައެވެ.

އެކަމާ ގުޅިގެން،ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ހިންގަވާ މުހައްމަދު ފިރާގު ވަނީ، މިއީ ވިސްނުންތެރިކަމާއެކު އެކަމުގެ ފައިދާ ނަގައި، ރާއްޖެއަށް އަންނަ ޖެޓުތަކާއި ފަތުރުވެރިންގެ އަދަދު އިތުރުކުރަންވީ ދަނޑިވަޅު ކަމަށް ލަފާދެއްވައިފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވެ، އާމްދަނީއަށް ވެސް އޭގެ އަސަރު ވަނީ ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުން، މިދިޔަ މަހު ރާއްޖެ އައީ 166,616 ފަތުރުވެރިން ކަމަށްވާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 20.7 ޕަސެންޓްގެ ދަށްވުމެކެވެ.