ކޮމަންވެލްތުގެ، މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު) އިން މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި ރާއްޖޭގެ މައްސަލަ އެ ޖަމާއަތުގެ އެޖެންޑާއިން ނަގާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނީ ފެބުރުއަރީ ހަތްވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ބުނެ އެވެ. އެކަންތައްތައް ތަހުގީގު ކުރުމަށް ކޮމަންވެލްތުގެ އެއްބާރުލުމާއި އެކު ސަރުކާރުން އެކުލަވާލި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓަށް ފަހު ސީމެގުން ބޭއްވި ފުރަތަމަ ބައްދަލުވުން ވަނީ ޓެލެކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބާއްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ރާއްޖޭގެ މައްސަލައިގައި އެ ޖަމާއަތުން ގޮތްތަކެއް ނިންމާފައެއްނުވެ އެވެ.

ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އިއްޔެ ބޭއްވި ޓެލެކޮންފަރެންސްގައި ރާއްޖޭގެ މައްސަލައިގައި ގޮތްތަކެއް ނުނިންމުނީ ޓެލެކޮންފަރެންސް ބޭއްވެނީ ދުނިޔޭގެ ގައުމުތަކަށް އެކި ގަޑިތަކުގައި ކަމަށް ވުމުން އެ ބައްދަލުވުން މާގިނައިރު ކުރިއަށް ނުދިއުމުން އެކަށީގެންވާ ވަގުތު މިނިސްޓަރުންނަށް ނުލިބުމުން ކަމަށެވެ. އަދި ވިދާޅުވީ ސީމެގްގައި ހިމެނޭ މިނިސްޓަރުންގެ ވިސްނުން ހުރީ ރާއްޖެ އެ ޖަމާއަތުގެ އެޖެންޑާގައި އިތުރަށް ބާއްވަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.

"އެހެން މައްސަލަތައް ނިމި، ދިވެހިރާއްޖެއާ ޖެހެންވާއިރަށް އެ ބައްދަލުވުން ކުރިއަކަށް ނުގެންދެވުނު، އެހެންވެ ރަސްމީ ގޮތުން ބައްދަލުވުމަކަށް ވާނީ 28 ވަނަ ދުވަހު އޮންނަ ބައްދަލުވުން، ސަރުކާރަށް މިހާރު ވަރަށް ބޮޑަށް ގަބޫލުކުރެވޭ އެ ބައްދަލުވުމުގައި ރާއްޖޭގެ މައްސަލަ އެޖެންޑާކޮށް ރާއްޖެ އެޖެންޑާއިން ނަގާނެކަން، ސަބަބަކަށް ވަނީ މެންބަރުންގެ ރައުޔު ހުރީ އެހެން ކަން، އެއީ އެބޭފުޅުންގެ ވިސްނުންވެސް މިހުރީ ރާއްޖެ އެޖެންޑާގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް،" އައްބާސް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ޓެލެކޮންފަރެންސާއި ބެހޭގޮތުން ކޮމަންވެލްތުން މިހާތަނަށް އެއްވެސް ސްޓޭޓްމަންޓެއް އާންމުކޮށްފައެއްނުވެ އެވެ. ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ރާއްޖެއަށް ކަޑައެޅުއްވާފައި ހުންނަ މަންދޫބު ޑޮން މެކިނަން، އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރައްވަމުންނެވެ. އެ މަނިކުފާނުގެ ދަތުރުފުޅުގައި ރައީސް ނަޝީދާއި އަދި ވަހީދާއި ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުންތަކާއި ބެހޭ މައުލޫމާތު އާންމުކޮށްފައެއްނުވެ އެވެ.

ކޯނީގެ ރިޕޯޓު ނެރުނު ދުވަހު ކޮމަންވެލްތުން ބުނެފައިވަނީ އެ ރިޕޯޓަށް މަރުހަބާ ކިޔާ ކަމަށާއި އެންމެންވެސް އެ ރިޕޯޓު ގަބޫލުކޮށް އިހުތިރާމުކުރުމަށް ގޮވާލައްވާ ކަމަށެވެ.