12 Sep 2012, 13:34
ރާއްޖޭގައި އިންތިޚާބެއް ނުބާއްވަނީސް ބައިނަލްއަގުވާމީ ފަރާތްތަކުގެ މަސައްކަތްތައް ނުހުއްޓާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ (އިންތި) އާ ހަވާލާ ދެއްވައި އެމްޑީޕީން އެ ޕާޓީގެ ވެބްސައިޓްގައި ބުނީ އަދިވެސް ދުނިޔޭގެ ނަޒަރުން ރާއްޖެ ކައްސާލައިގެން ގޮސްފައިނުވާ ކަމަށެވެ.
އިންތި މީޑިއާތަކަށް ރޭ ފޮނުއްވި އެސްއެމްއެސް ގައި ވިދާޅުވެފައި ވަނީ އަވަސް އިންތިޚާބެއް ނުބާއްވަނީސް އަދި ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރި ނުކުރެވެނީސް ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރާ މަސައްކަތް ނުހުއްޓާނެ ކަމަށެވެ.
"ރާއްޖޭގެ ސުލްހަ އާއި ހަމަޖެހުން ގާއިމްނުވަނީސް، އަދި އިންތިޚާބެއް ނުބާއްވަނީސް، އަދި ހަމަ އެހެންމެ ރާއްޖޭގައި ގާނޫނުގެ ވެރިކަމެއް ނަގަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރި ނުކުރާހާ ހިނދަކު ބައިނަލް އަޤްވާމީ ފަރާތްތަކުގެ މަސައްކަތެއް ނުހުއްޓާނެއެވެ،" އިންތިގެ އެސްއެމްއެސް ގައި ވެއެވެ.
އިންތި މިހެން ވިދާޅުވިއިރު މިމަހުގެ 28 ގައި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމެއް ނިއު ޔޯކުގައި އޮންނާނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ ހަތެއްގައި ބަދަލުވުމާއެކު ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި އޮތް އޮތުން އެޖެންޑާ އިން ރާއްޖެ ނަގައި ދިނުމަށް ސީމެގްގައި ހިމެނޭ ގައުމުތަކަށް ރާއްޖެ އިން ވަނީ ސިޓީ ފޮނުވާފަ އެވެ. އަދި ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމާ މެދު ގޮތެއް އިއްޔެ ނިންމަން އެ ޖަމާއަތުގެ ގައުމުތަކުގެ އިސް ބޭފުޅުން ނިންމެވި ނަމަވެސް އަދި ގޮތެއް ނިމިފައިއެއްނުވެ އެވެ.