މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން ގާތްވެފައި އޮއްވައި އަނެއްކާވެސް ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލީ މިއަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހެވެ. އެ ފަހުން ފުލެޓަށް ކުރިމަތިލާން ދިން މުއްދަތު ވަނީ މި މަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެ މުއްދަތު ހަމަވާން މިހާރު ދެ ހަފުތާއާއި ހަތަރު ވަރަކަށް ދުވަސް އޮއްވައި، އަދިވެސް ސަރުކާރުން ދަނީ ޝަރުތުތައް އިސްލާހުކުރަމުންނެވެ.

މިއަދު މިނިސްޓަރު މުއްތަލިބު ވިދާޅުވީ 'އެންމެނަށް ބޯހިޔާވަހިކަން' ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކުރަމުންދާ ކަމަށެވެ. އެގޮތުން ގެންނަ އިސްލާހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް އެ ކެޓަގަރީން ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެކި ފަހަރުމަތިން އުސޫލަށް ވަނީ ބަދަލުތައް ގެނެސްފައެވެ.

ޖަނަވަރީ މަހު ފުލެޓަށް ހުޅުވައިލި ފަހުން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި ފުލެޓެއް އޮތުމުގެ ސަބަބުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗަށް ކުރިމަތިނުލެވުނު ފަރާތްތަކަށް، މި ސަރުކާރުގެ ސްކީމްގެ ދަށުން ގޯތި ހަވާލުކުރާނެ ޝަރުތު ހިމަނައި، "ބިންވެރިޔާ" ޚާއްސަ ސްކީމާ ގުޅޭ އަދި އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކަށް ޝަރުތުހަމަވާން 75 ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ބާކީވި މީހުންނަށް، ދެ ކޮޓަރީގެ ފުލެޓުތައް ދޭން ކުރިން ބުނި ނަމަވެސް، މިހާރު އެ ފުލެޓުތައް ދޭނީ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން މި ސަރުކާރުގެ ސްކީމްގެ ތެރެއިން ދޫކުރާ ފުލެޓުތަކަށް ކުރިމަތިލާން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހެޅޭ ގޮތް ހެދީ ވެސް ފުލެޓަށް އެދި ކުރިމަތިލާން ހުޅުވައިލިތާ ދެ މަސް ފަހުންނެވެ.

މީގެ އިތުރުން ވެސް ބައެއް އެހެނިހެން ބަދަލުތައް ގެނެސްފައިވެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 7،900 ފުލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ 7،900 ފުލެޓުގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފުލެޓު ދިނުމަށާއި، ބާކީ 2،400 ފުލެޓު ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ.