އެމެރިކާގެ އެސިސްޓެންޓް ސެކެޓްރީ އޮފް ސްޓޭޓް ފޯ ސައުތް އެންޑް ސެންޓްރަލް އެފެއާޒް މިސްޓާ ބްލޭކް މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުވުމުގައި އެމެރިކާ އާއި ރާއްޖެއާ ދެމެދުގައިވާ އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި އެމެރިކާގެ ސަރުކާރުން ރާއްޖެ އަށް ވެދެމުން ގެންދާ އެހީތެރިކަމާ އެއްބާރުލުމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަލަބޮލިކަން ހަމައަކަށް އެޅެމުން އަންނަ ކަމުގައި ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ބްލޭން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ރައީސް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރައީސް ވަހީދު އަހައްމިއްޔަތުކަން ދެއްވާ މިންވަރު ދޭހަވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

މިއީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން ރޮބާޓް ބްލޭން ރާއްޖެއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. ކުރިން ދަތުރުފުޅުގައި ބްލޭން ވަނީ ރައީސް ވަހީދުގެ އިތުރުން ރައީސް ނަޝީދު އާއި އިދިކޮޅު ބައެއް ލީޑަރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.