04 Sep 2010, 09:17
14:19
ވ. ފުލިދޫން ކެނޯއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ އާއި އައްޑޫން އައި ބޯޓަކުން ކަނޑަށް ވެއްޓި ގެއްލިގެން ކޯސްޓްގާޑުން ހޯދާ ބަންގްލަދޭޝްގެ މީހާ އަދިވެސް ނުފެންނަ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިޝަލަކު ވިދާޅުވީ ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުން އަންނަ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މީހާ އެބޯޓަށް އަރައިފައި ވަނީ ސ. ފޭދޫން ކަމަށާއި އެންމެ ފަހުން އެ ބޯޓުގެ މީހުންނަށް އޭނާ ފެނިފައި ވަނީ އިއްޔެ ހެނދުނު 7 ޖަހާކަންހާއިރު ބޯޓުގެ މެދެއްހާ ހިސާބުގައި އިށީނދެލައިގެން އިންދާ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ. އަދި އޭނާ ވެއްޓިފައިވާ ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައި ވަނީ މ. ނާލާފުށީގެ އިރުން ގާތްގަނޑަކަށް އެއް ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި މެރިން ޕޮލިހާއި އެބޯޓުގެ އިތުރުން އެއާޓެކްސީން ވެސް ކުރަމުން އަންނަ ކަމަށް ވެސް ކޯސްޓުގާޑުން ބުންޏެވެ.
ވ. އަތޮޅު ފުލިދޫން އިއްޔެ ރޭ ފަތިހު ކެނޯއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ފުލިދޫ، މިރުސްމާގޭ އުމުރުން 59 އަހަރުގެ އަދުނާނު ޔޫސުފު ހޯދުމުގެ މަސައްކަތް ވެސް އަދިވެސް ކުރަމުން އަންނަ ކަމަށް ކޯސްޓްގާޑުން ބުންޏެވެ. ކޯސްޓްގާޑުން ބުނީ އޭނާ މަހަށް ނުކުތް ކެނޯ އިއްޔެ ފެނިފައިވާ ކަމަށެވެ. އެ ކެނޯ ފެނިފައި ވަނީ ފުލިދޫ ހުޅަނގު ދެކުނުން މޭލެއް ބޭރުން ކަމަށާއި އޭނާ ހޯދުމަށް މަސައްކަތް ކުރާ ދޯނިފަހަރު މިހާރު ހަރަކާތްތެރިވަނީ އެ ސަރަހައްދު ބެލުމަށް ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.