މިދިޔަ މާރިޗު މަހު ވޭޕުގެ އެކި މައްސަލަތަކުގައި 82 މީހަކު ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މާރިޗު މަހު ވޭޕާ ގުޅޭ 20 މައްސަލައެއް ތަހުގީގު ކޮށްފައިވެއެވެ. އެއީ ވޭޕް ބޭނުންކުރުމުގެ ނުވަ މައްސަލައަކާއި، ވޭޕް ގެންގުޅުމުގެ ހަތް މައްސަލައަކާއި، ވޭޕް ގަނެ ވިއްކުމުގެ މައްސަލައެއްގެ އިތުރުން، އެހެނިހެން ތިން މައްސަލައެކެވެ.

ވޭޕުގެ އެކި މައްސަލަތަކުގައި 82 މީހުން ޖޫރިމަނާކުރިއިރު، ގިނައީ ވޭޕް ބޭނުންކުރުމުން ޖޫރިމަނާކުރި މީހުންނެވެ. އެގޮތުން ވޭޕް ބޭނުންކުރުމުން 52 މީހަކު ޖޫރިމަނާކުރިއިރު، 30 މީހަކު ޖޫރިމަނާކުރީ ވޭޕް ގެންގުޅުމުގެ ސަބަބުންނެވެ.

ވޭޕް ބޭނުންކުރި 52 މީހުން 269،000 ރުފިޔާއިން ޖޫރިމަނާކުރިއިރު، ގެންގުޅުނު 30 މީހުން 138،000 ރުފިޔާއިން ޖޫރިމަނާކުރި ކަމަށް، ފުލުހުންގެ ތަފާސްހިސާބުތަކުގައިވެއެވެ.

އެހެންކަމުން، ވޭޕްގެ އެކި މައްސަލަތަކުގައި ޖުމުލަ 407،000 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ކަސްޓަމްސްއިން ވަނީ، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ހާހެއްހާ ވޭޕް ކާޓްރިޖް މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އަތުލައިގެންފައެވެ.

އެގޮތުން 1،940 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް، ކަސްޓަމްސް އިން ބުންޏެވެ.

ނަމަވެސް ވޭޕް ކާޓްރިޖްތައް އަތުލި މައްސަލައިގައި ފުލުހުންނާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަސްޓަމްސްއިން ހާމަ ނުކުރެއެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން، އޭގެ އެއް މަސް ދުވަސް ފަހުން ވަނީ މަނާކޮށްފައެވެ.