ގެމަނަފުށީ ކައުންސިލުން އެ ރަށުގައި ތެޔޮ ފިހާރައެއް ހުޅުވައިފި އެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދު މިއަދު ވިދާޅުވީ އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ތެޔޮ ފިހާރަ ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ކަމަށެވެ.

އާސިމް ވިދާޅުވީ "ގެމަނަފުށީ ކައުންސިލްސް އޮއިލް ސްޓޯރޭޖް"ގެ ނަމުގައި ހތެޔޮ ފިހާރައެއް ހުޅުވުމުގެ މަގުސަދަކީ ގެމަނަފުއްޓަކީ ގިނަ އަދަދެއްގެ ދޯނިފަހަރު ހުންނަ ރަށަކަށް ވުމާއި އައްޑޫ ސިޓީ އާއި ހުވަދޫ ބޯޓު ފަހަރުގެ ޚާއްސަ ބަނދަރަކަށް ގެމަނަފުށީ ބަނދަރުވާތީ އާއި ގެމަނަފުއްޓާ ކައިރި ރަށްރަށުގެ އިންޖީނުގެތަކަށް ފަސޭހަ އިން ޑީސަލް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކަމަށެވެ.

އެ ތެޔޮ ފިހާރައިގެ ޓޭންކަށް އެއްފަހަރާ 58000 ލިޓަރު ޑީސަލް އެޅޭނެ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

ތެޔޮފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގެމަނަފުށީގެ އޮޑިވެރިންނާއި ކެޔޮޅުންނާއި ރަށުގެ ކަމުވޮށިވެގެންވާ މީހުންނާއި ރައްޔިތުން ބައިވެރިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.