12 Sep 2012, 13:08
މާފަންނު ގެއަކުން ވަގަށް ނެގި ތަކެތި ހޯދައި، އޭގެ މަހެއް ފަހުން ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު މ. ލައިޓްސިގްނަލް ގެއިން ކުރި އެ ވައްކަމާއި ގުޅިގެން މިމަހުގެ ނުވަ ވަނަ ދުވަހު ހައްޔަރު ކުރީ އުމުރުން 19 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި ވައްކަންކުރި އެ ގެއިން ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ތަކެތީގެ ތެރެއިން ދެ ލެޕްޓޮޕް ހޯދާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއާއި ގުޅުން ހުރި ގެއެއްގެ ތެރެއިން އިއްޔެގެ ވަގުތެއްގަ އެވެ. ދެ ލެޕްޓޮޕް ފިޔަވައި އިތުރު އެއްޗެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މާލޭގެ ގޭގެއިން ވައްކަން ކުރުން އާންމުވެފައިވާ އިރު، ދާދިފަހުން ވަނީ ގެއަކުން ޓީވީ އެއް ވަގަށް ނަގައިގެން ދާން އުޅުނު ވަގަކު އެގޭގެ ތިން ވަނަ ބުރިން ވެއްޓިފަ އެވެ.