މީގެ އަހަރުތަކެއް ކުރިން ކަލާސްއިން ގެނެސްދިން އަނިލްގެ ޑްރާމާ ސީރީސްއެއް އޯޓީޓީއަށް
މީގެ އަހަރުތަކެއް ކުރިން ކަލާސްއިން ގެނެސްދިން އަނިލްގެ ޑްރާމާ ސީރީސްއެއް އޯޓީޓީއަށް

މީގެ 13 އަހަރު ކުރިން ކަލާސް ޓީވީއިން ގެނެސްދިން ބޮލީވުޑް އެކްޓަރު އަނިލް ކަޕޫރުގެ ޓީވީ ސީރީސްއެއް ޖިއޯ ހޮޓް ސްޓާ މެދުވެރިކޮށް ސްޓްރީމްކުރަން ނިންމައިފިއެވެ.

ދެހާސްތޭރަވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަލާސްއިން ދެއްކި މި ސީރީސް އަކީ "24"ގެ ނަމުގައި ގެނެސްދިން އެކްޝަން ތުރިލާ ސީރީސްއެކެވެ.

ދަހިންދޫ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަނިލްގެ މި ސީރީސް ޖިއޯ ހޮޓްސްޓާއިން މި ސީރީސްގެ ފުރަތަމަ ސީޒަން އަދި ދެވަނަ ސީޒަންގެ އެޕިސޯޑުތައް ސްޓްރީމްކުރަން ފަށާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

ޖުމްލަ 48 އެޕިސޯޑުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "24" އަކީ ހަމަ އެ ނަމުގައި ގެނެސްދިން އެމެރިކަން ވެބް ސީރީސްއެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތުރިލާ ސީރީސްއެކެވެ.

އިންޑިއާގެ އެންމެ ތަޖުރިބާކާރު ފިލްމު އެކްޓަރުންގެތެރޭ ހިމެނޭ އަނިލް "24"ގައި ކުޅެފައި ވަނީ އެންޓި ޓެރަރިސްޓު ޔުނިޓުގެ ވެރިއެއްގެ ގޮތުގައެވެ.

އަނިލް އެންމެފަހުން ކުޅުނު ފިލްމު "ސުބޭދާރު"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަނިލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މާޗް މަހުގެ ފަސް ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރީމިއާކުރި ފިލްމު "ސުބޭދާރު"އިންނެވެ. މޯނާ ސިންގް އަދި ރާދިކާ މަދަންގެ އިތުރުން ސޯރަބް ޝުކްލާ މުހިއްމު ރޯލްތައް ކުޅެފައިވާ "ސުބޭދާރު" އަކީ ވަރަށް ވަރުގަދަ އެކްޝަން ޑްރާމާއެކެވެ.

އަނިލްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "އަލްފާ" އަދި ސިދާތު އާނަންދު ޑައިރެކްޓްކޮށް ޝާހްރުކް ޚާން ލީޑް ރޯލްއިން ފެންނާނެ ފިލްމު "ކިންގް" ހިމެނެއެވެ.