12 Sep 2012, 13:03
ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ސަލާމަތާ ބެހޭ ސިޔާސަތާއި ޤައުމީ ދިފާޢީ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ނެރެދެއްވައިފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިޔާތުގައި ގައުމީ ސަލާމަތާ ބެހޭ ސިޔާސަތާއި ގައުމީ ދިފާއީ ސިޔާސަތު ނެރެ ދެއްވުމަށް ފަހު ރައީސް ވިދާޅީ މިއަދު ނެރުއްވި ގައުމީ ސަލާމަތާ ބެހޭ ސިޔާސަތު ވެގެންދާނީ ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ މައި ނާރެހަށް ކަމަށެވެ.
ރައީސް ވިދާޅުވި ގައުމީ ސަލާމަތާ ބެހޭ ސިޔާތުގައި ރާއްޖޭގެ ދިފާއު ބައްޓަންކުރާނެ ގޮތުގެ ސިޔާސަތުތަކާއި ރައްޔިތުންގެ ފަރުދީ، އިޖުތިމާއީ އަދި އިގުދިސާދު ސަލާމަތާ ބެހޭ ސިޔާސަތުތަކުގެ އިތުރުން ގައުމީ ސަލާމަތަށް ޓަކައި ސިޔާސީ ހަމަޖެހުން ގާއިމުކުރުމާ ބެހޭ ސިޔާސަތުތަކާއި ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތައް ހިމެނިގެންވާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިދާއިރާތަކަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭ ދާއިރާތައް،" ރައީސް ވިދާޅުވި އެވެ.
މިއަދު ނެރުއްވި ސިޔާސަތުތައް ކަމާ ބެހޭ ހުރިހާ މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ދާއިރާގައި ތަންފީޒު ކޮށްދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ، ކަމާ ބެހޭ ހުރިހާ މުއައްސަސާއަކުން، އެ މުއައްސަސާއެއްގެ ދާއިރާގައި، މިއަދު މިނެރެވުނު ސިޔާސަތުތައް ތަންފީޒު ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ގައުމީ ސަލާމަތާ ބެހޭ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މައިގަނޑު ދެ މަސްދަރަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށް ވެސް ވިދާޅުވި އެވެ.
އެ މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މިނިވަންކަން މިއަދާ ހަމައަށް ދިފާއު ކުރެވުމުގެ އެންމެ މުހިންމު އެއް ސަބަބަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިންގެ ކިބައިގައި އަށަގެންފައިވާ މާތްވެގެންވާ އިސްލާމްދީންގެ ލޯބި ކަމުގައި ވިދާޅުވި އެވެ.
އެހެންކަމުން މާތްވެގެންވާ އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ދީފައިވާ ޖާގަ ބަދަލުކޮށްލުމަށް ނުވަތަ ދިވެހިން ބައިބައިކޮށްލުމަށް މަސައްކަތްކުރާ އެއްވެސް ފަރާތަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު އެ ފުރުޞަތެއް ނުދޭނަން. ހަމައެއާ އެކު، ރާއްޖޭގެ މަޞްލަޙަތު ހިމާޔަތް ކުރެވޭނީ، ވަކިވަކި ފަރުދުންގެ ހައްގުތައް ހިމާޔަތް ކުރެވިގެންކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ." ރައީސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ރަސްމީ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފަ އެވެ. އެ ރަސްމިޔާތުގައި ރާއްޖޭގެ މިނިވަން މުވައްސަސާތަކުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވެ.