އިނގިރޭސި ގައުމީ ޖާޒީގައި ފުރަތަމަ ފަހަރަށް ސްޓީވަން ޖެރާޑަށް ރަތްކާޑެއް ދައްކައިފި އެވެ.

ކެޕްޓަން ޖެރާޑަށް ރަތްކާޑު ދެއްކީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޔުކްރޭނާ ބައްދަލުކޮށް އިނގިރޭސިން 1-1 އިން އެއްވަރުކުރި މެޗު ނިމެން މިނިޓަކަށްވެފައިވަނިކޮށް ދެ ވަނަ ރީނދޫކާޑާއެކުގަ އެވެ.

"އަހަންނަކަށް ހިޔެއް ނުވޭ މެޗުގައި އެހާ ގޯސް ޓެކްލްތަކެއް ކުރިހެން. އެބަހުރިތަ ކޮށްފަ؟ އެކަމަކު ހީވާ ގޮތުން ރެފްރީ ވަނީ ހަތް ރީނދޫ ކާޑު ދައްކައިފަ،" މެޗަށް ފަހު ރެފްރީދެކެ ހިތްހަމަނުޖެހިފައި ހުރެ ޖެރާޑް ބުންޏެވެ.
ވެމްބްލީގައި ކުޅުނު މެޗުގައި ރެފްރީ ކާކިރު ވަނީ ނުވަ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

"މިކާޑު ސަބަބުން އަހަރެން ވަރަށް ދެރަވެއްޖެ. މިއީ އަހަރެން މިހާތަނަށް ކުޅުނު 98 މެޗުގައި ދެއްކި ފުރަތަމަ ރަތްކާޑު،" ލިވަޕޫލްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޖެރާޑް ބުންޏެވެ.

ޔުކްރޭނާ ދެކޮޅަށް ރޭ ކުޅެނިކޮށް ޖެރާޑަށް ފުރަތަމަ ރަތްކާޑު ދެއްކި އިރު ޖެރާޑް ގައުމީ ޓީމަށް ކުޅެން ފެށީ ވެސް 2000 ވަނަ އަހަރުގެ މޭމަހުގެ 31 ވަނަ ދުވަހު ޔުކެރޭނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯގައި ވެސް އިނގިރޭސި ކެޕްޓަންކަން ކުރި ޖެރާޑް ވަނީ މިހާތަނަށް ގައުމީ ޓީމަށް 98 މެޗު ކުޅެނީ 19 ގޯލު ޖަހައިފަ އެވެ.