ގެސްޓްހައުސްއަކަށް ފޭކު ސްލިޕު ފޮނުވުމަށްފަހު، ރީފަންޑު ހޯދަން ދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ގެސްޓްހައުސްއަކަށް ފޭކު ސްލިޕު ފޮނުވުމަށްފަހު، ރީފަންޑު ހޯދަން ދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ކ. ދިއްފުށީގައި ހުންނަ ގެސްޓްހައުސްއަކަށް ފައިސާ ފޮނުވި ކަމުގެ ފޭކް ސްލިޕް ފޮނުވުމަށް ފަހު ބުކިން ހައްދައި، އެ ބުކިން ކެންސަލް ކުރުމަށް ފަހު، އަނބުރާ ފައިސާ ދޭން ބުނެ އެ ގެސްޓްހައުސަށް ދިޔަ މީހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން "ސަން"އަށް ބުނީ، އެއީ ދިއްފުށީގައި ހުންނަ ގެސްޓްހައުސްއަކުން ބުކިން ހެދުމަށްފަހު، ފޭކު ސްލިޕެއް ފޮނުވައި، އެ ބުކިންގް ކެންސަލްކޮށް، މަކަރާއި ހީލަތުން ރިފަންޑު ހޯދަން މަސައްކަތްކުރި މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދުއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މީހާގެ ކޯޓު އަމުރުގައި ވަނީ، އޭނާ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން، މައްސަލަ ހުށަހެޅި ފަރާތުން ދީފައިވާ ބަޔާނާއި ސީނަށް ދިޔަ ފުލުހުންގެ ޚާއްސަ ރިޕޯޓާއި ވަޓްސްއެޕްއިން ކޮށްފައިވާ މުއާމަލާތްތަކުގެ ސްކްރީންޝޮޓް ލިބިފައިވާ ކަމަށް އަމުރުގައިވެއެވެ.

ދިއްފުށި: އެ ރަށު ގެސްޓްހައުސްއަކަށް ފޭކު ސްލިޕު ފޮނުވުމަށްފަހު، ރީފަންޑު ހޯދަން ދިޔަ މައްސަލައެއްގައި މީހަކުވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ މޯލްޑިވްސް ވާޗުއަލް ޓުއާ

އެ މައްސަލަގައި އިތުރު ތަފުސީލު ހާމަކޮށް ކޯޓު އަމުރުގައި ވަނީ، އޭނާ ހޮޓެލް ބުކިން ހެއްދުމަށް ފަހު ފޭކް ސްލިޕެއް ފޮނުވައި، އޭގެ ފަހުން ބުކިން ކެންސަލް ކުރި ކަމަށެވެ. ދެން އެދުނީ ރީފަންޑެއް ދޭން ކަމަށާއި، ނަގުދު ފައިސާއިން ރީފަންޑު ހޯދަން ހޮޓަލުގެ އޮފީހަށް އޭނާ ދިޔަ ކަމަށް އަމުރުގައިވެއެވެ.

އޭނާ މީގެ ކުރިން ވެސް އެފަދަ ކަމެއް ކޮށްފައަިވާ ކަމަށާއި އެ ފަހަރު ބުކިން ހެއްދުމަށް ފަހު، ފައިސާ ފޮނުވުމަށް އެދި ފޮނުވާފައި ވަނީ އޭނާގެ އެކައުންޓު ނަންބަރު ކަމަށް މައްސަލަ ތަހުގީގު ކުރައްވާ އޮފިސަރު ކޯޓުގައި ވިދާޅުވިއެވެ.

އެ މީހާ ކޯޓުގައި ބުނެފައިވަނީ، ފައިސާ ބަލައި ދިޔައީ ރައްޓެއްސަކު ބުނެގެން ކަމަށެވެ.

އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.