12 Sep 2012, 12:59
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަފުލޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ކުށުގެ ދައުވާ ގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ކަނޑައެޅީ އެ މައްސަލައަކީ ދައުލަތުން އަނބުރާ ގެންދިޔުމަށް ފަހު އަލުން ހުށަހަޅާފައިވާ މައްސަލައަކަށްވާތީ އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން ނެވެ.
އެ އިޖުރާއީ ނުކުތާއާ މެދު ނިންމި ގޮތް އިއްވަވަމުން ގާޒީ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ގެންދިޔައީ ދައުވާ ނުކޮށް ދޫކޮށްލުމަށް އެއްބަސްވެގެން ކަމަށް އަލީ ވަހީދަށް ޝަރީއަަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ ދަށުން ލިބިފައިވާ ގަނޫނީ ބާރުގެ ތެރެއިން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް މަހުލޫފް ހާޒިރުވެވަޑައެއް ނުގަންނަވައެވެ. ގާޒީ ވިދަޅުވީ ސިއްހީ ހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުވެވެން ނެތްކަމަށް ވިދާޅުވެ މަހުލޫފް އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި މައްސަލަ ޝެޑިއުލް ކުރީ ވެސް އަލީ ވަހީދާއި މަހުލޫފާއި ދެ ބޭފުޅުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ނަމަވެސް އަލީ ވަހީދު ވަނީ އެ ވާހަކަތަކަށް އިންކާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މައްސަލަ ޝެޑިއުލް ކުރުނާނެ ދުވަހެއް ކަނޑައެޅުމާ މެދު އޭނާއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
ގާޒީ ވިދާޅުވީ އެ ދެ ބޭފުޅުންނަކީ މަޖިލީސް މެންބަރުންނަށްވާތީ އެ މައްސަލަ ޝެޑިއުލް ކުރައްވާނީ އެ ދެ ބޭފުޅުންނަށް ވެސް ފަސޭހަ ދުވަހަކަށް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އަލީ ވަހީދާއި މަހުލޫފާއި ދެ ބޭފުޅުންނަށް ދައުވާ އާ ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި އެއަށް ފަހު ދައުވާ ސާބިތު ކުރުމަށްޓަކައި ހެކި ހުށަހެޅުމަށް ވެސް އެ ދުވަހު ދައުލަތަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
ޝަރީއަތަށް ފަހު ކޯޓުން ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޗުއްޓީއެއް ނެންގެވުމަށް އޭނާ ކޯޓުގައި އެދިވަޑައިގަތް ކަމަށާއި ނަމަވެސް އޭނާއަށް ޗުއްޓީ ދެއްވާފައި ނުވާ ކަމަށެވެ. ކުރިއަށް އޮތްތާގައި ޗުއްޓީއަށް ނުނަންގަވާ އެ މައްސަލައިގައި ކުރިއަށް ދާން ތައްޔަރަށް ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.