ނީތޫގެ ދެ މައިންގެ ފިލްމު އަންނަ މަހު
ނީތޫގެ ދެ މައިންގެ ފިލްމު އަންނަ މަހު

އިންޑިއާގެ ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު އަދި ނީތޫ ކަޕޫރުގެ އަންހެން ދަރިފުޅު ރިދިމާ ކަޕޫރު ސަހާނީގެ ފުރަތަމަ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

"ދާދީ ކީ ޝާދީ"ގެ ނަމުގައި ގެނެސްދޭ މި ފިލްމަކީ ނީތޫ އާއި ރިދިމާގެ ދެމައިން އެކީގައި ބެލުންތެރިންނަށް ފެންނާނެ ފީޗާ ފިލްމެކެވެ. މި އަންނަ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ "ދާދީ ކީ ޝާދީ"ގެ ކާސްޓުގައި އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އާއި އަރަމުން އަންނަ ޒުވާން ބަތަލާ ސާދިއާ ޚަތީބު ވެސް ހިމެނެއެވެ.

އާޝިޝް އާރް މޯހަން ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ވަރަށް ހިތްގައިމު ރީތި ވާހަކައެއްގެ މައްޗަށް ބިނާކޮށް އާއިލީ ގުޅުންތައް ދައްކުވައިދޭނެ ޖަޒުބާތީ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެކްޓަރު ރަންބީރު ކަޕޫރުގެ ދައްތަ ފިލްމީ ދާއިރާއަށް ތައާރަފުވާ ފުރަތަމަ ފިލްމަށް ބެލުންތެރިން އިންތިޒާރުކުރާއިރު ރިދިމާ ވަނީ ނެޓްފްލިކްސްއިން ގެނެސްދިން މަގުބޫލު ރިއަލިޓީ ސީރީޒް 'ފެބިއުލަސް ލިވްސް ބޮލީވުޑް ވައިވްސް'ގެ ތިން ވަނަ ސީޒަނުން ވެސް ފެނިފައެވެ.

ރަންބީރު އަދި ރިދިމާ މަންމަ ނީތޫ ކަޕޫރާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ރިދިމާ އަކީ މީގެކުރިން ފިލްމީ ހަފުލާތަކުން ވެސް އަދި ފިލްމީ ދާއިރާގެ އެއްވެސް ހަރަކާތަކުން މަދުން ނޫނީ ފެނިފައިނުވާ ފަރާތެކެވެ.

މީގެ ކުރިން ނީތޫ މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ، ދަރިފުޅު ރިދިމާ ފިލްމީ ދާއިރާއަށް ނުކުތުމަކީ ރިޝީ ދުނިޔޭގައި ހުރިއިރު އެއްވެސް ގޮތަކަށް ބޭނުންވި ކަމެއް ނޫން ކަމަށެވެ.

އެހެންވެ ފިލްމީ ހަފުލާތަކާއި އެވޯޑު ޝޯތަކުގައި ވެސް ބައިވެރިވުމަކީ ރިދިމާ އޭރު އެއްވެސް ޝައުގުވެރިކަމެއް ހުރި ކަންކަން ނޫންކަމަށް ނީތޫ ވަނީ ބުނެފައެވެ.