އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި، އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާއެކު 4-0 އިން އޮޑި ސްޕޯޓްސް ބަލިކޮށް ނިއު ރޭޑިއަންޓް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް އަތުން ނިއުއަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި މި ދެޓީމު ބައްދަލުކުރި ތިން މެޗުގައި ވެސް ނިއުއަށް އޮޑި ބަލިކުރެވިފައެއް ނުވެއެވެ

2017 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން ނިއު އިން އެފްއޭ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު، އެޓީމުން ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ.

​މެޗުގެ 61 ވަނަ މިނިޓްގައި ސެންޓޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯ އެވެ. މީގެ އިތުރުން މެޗުގެ ފަހު 20 މިނިޓަށް ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރުވުމަކީ ނިއުގެ ސަޕޯޓަރުންނަށް ލިބުނު އިތުރު އުފަލެކެވެ.

​ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ބްލޫ ސްޕޯޓްސް ކްލަބާއެވެ.

ބްލޫސް އިން ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސްއާ ބައްދަލުކޮށް، ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.