ހަރްޝްވަރްދަން: އެކްޓަރެއްގެ އިތުރުން ޔުނިވަސިޓީ ދަރިވަރެއް
ހަރްޝްވަރްދަން: އެކްޓަރެއްގެ އިތުރުން ޔުނިވަސިޓީ ދަރިވަރެއް

ބޮލީވުޑްގެ ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ބޮޑު މަގުބޫލުކަމެއް ހޯދި ޒުވާން އެކްޓަރު ހަރްޝްވަރްދަން ރާނޭ ފިލްމީ މަސައްކަތްތަކުގައި އަވަދިނެތިކޮށް އުޅެމުންވެސް ތައުލީމު އުނގެނުމަށް ހިތްވަރާ އެކު މަސައްކަތްކުރަމުން އަންނަކަމަށް ފިލްމީ ރިޕޯޓުތަކުން ބުނެފިއެވެ.

ވަރަށް ބުރަކޮށް ފިލްމު ޝޫޓިންތަކުގައި އުޅޭކަން ހަރްޝްގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ބަލާލިޔަސް ދޭހަވެއެވެ. އެހެންނަމަވެސް އޭނާއަކީ ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު އުނގެނެމުން އަންނަ ޔުނިވަސިޓީ ދަރިވަރެއް ކަމަށާއި ހަރްޝްގެ އުއްމީދަކީ ހަމައެކަނި އެ ކޯހުން ފާސްވުން ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. ހަރްޝްގެ ޢަޒުމަކީ ކޯހުން މަތީ ވަނައަކާ އެކު ގްރެޖުއޭޓުވުން ކަމަށް ކުޅަދާނަ އެކްޓަރު ވަނީ ބުނެފައެވެ.

ކުރިއަށް ހުރި ފިލްމުތަކުގެ މަސައްކަތްތަކުގައި ބިޒީކޮށް އުޅެމުންވެސް، ހަރްޝްވަރުދަން މިހާރު އަންނަނީ އޭނާގެ ތައުލީމުގެ ދެވަނަ އަހަރުގެ ކިޔެވުމަށް ވެސް ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ.

ހަރްޝްވަރްދަން ރާނޭ އިމްތިހާނަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ހަރްޝްވަރުދަން ދާދި ފަހުން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކުން ފެންނަނީ، އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެސައިންމަންޓްތައް ހެދުމުގައި މަޝްގޫލުވެ އުޅޭ މަންޒަރެވެ.

"އެސައިންމަންޓް ނިމިއްޖެ، ތައްޔާރުވެވިއްޖެ، ބޭނުންވަނީ ހަމައެކަނި ފާސްވާކަށް ނޫން، ބޭނުންވަނީ އެންމެ މަތީ ވަނަ ހޯދަން. ސައިކޮލޮޖީ އޮނާސްގެ ދެވަނަ އަހަރު،" ހަރްޝްގެ ވީޑިއޯގެ ކެޕްޝަންގެ ގޮތުގައި ލިޔެފައިވެއެވެ.

އޭނާގެ މި ވާހަކަތަކުން އެނގޭ ގޮތުގައި، ފިލްމީ މަސައްކަތްތަކާ އެކުވެސް އޭނާ އަންނަނީ ކިޔެވުމުގެ ކަންކަން ވަރަށް ފުރިހަމައަށް ބަލަހައްޓަމުންނެވެ. ހަރްޝްގެ މި ޕޯސްޓާ ގުޅިގެން ގިނަ އަދަދެއްގެ ފޭނުން އޭނާއަށް ތައުރީފުކޮށް ވާހަކަދައްކާފައިވާއިރު ފިލްމީ ދާއިރާ ނޫނަސް ކޮންމެ ދާއިރާއެއްގައި އުޅުނަސް ތައުލީމު އުނގެނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެކްޓަރުގެ ސަޕޯޓަރުން ސިފަކޮށްފައިވެއެވެ.

ހަރްޝް މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ފޯސް 3"ގެ ޝޫޓިންގްތަކުގައި ވަރަށް އަވަދިނެތި އުޅެމުން އަންނަ ކަމަށާއި އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ޖޫން މަހު އޮންނަ އިމްތިހާނުގައި ބައިވެރިވުމަށް ކަމަށް ވަނީ ބުނެފައެވެ. ފިލްމު "ފޯސް 3"ގެ ޝޫޓިންގް ޝެޑިއުލް ހުރިގޮތުން ޖޫން މަހުގެ އިމްތިހާނުގައި ބައިވެރިވެވިދާނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އުމުރުން 42 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.

އެހެންނަމަވެސް އިމްތިހާނަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި ޖޫން މަހުގެ އިމްތިހާނުގައި ބައިވެރިނުވެވިއްޖެނަމަ މި އަހަރުގެ ޑިސެމްބަރު މަހުގެ އިމްތިހާނުގައި އޭނާ ބައިވެރިވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފިލްމީ ކެރިއަރުގައި ހަރްޝް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވުނު ނަމަވެސް ތައުލީމީ ދާއިރާއިން އޭނާ ހާސިލުކުރަން ބޭނުންވި ކަންކަން ފުރިހަމަނުވެ އޮތުމުން ދަރިވަރެއްގެ ގޮތުގައި އެނބުރި ޔުނިވަސިޓީއަށް ދާން ހަރްޝް ނިންމީ މީގެ ދެ އަހަރުކުރިންނެވެ.

ސައިކޮލޮޖީއިން ކުރިއަށްދިއުމަށް އޭނާ ނިންމީ އެކްޓަރެއްގެ ގޮތުގައި ކުޅެން ލިބޭ ކެރެކްޓާއާ ބެހޭ މައުލޫމާތު ހޯދައި ބެލުންތެރިންނަށް އެ ކެރެކްޓާ އެންމެ ފުރިހަމައަށް ގެނެސްދެވޭނީ އެ ރޮނގުން މަތީ ތައުލީމު ހޯދުމުން ކަމަށް ގަބޫލުކުރެވޭތީ ކަމަށް ހަރްޝް ބުނެފައިވެއެވެ.

ހަރްޝްވަރްދަން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ޑައިރެކްޓަރު މިލަޕް ޒަވޭރީ ގެނެސްދިން ފިލްމު "އޭކް ދިވާނިއްޔަތު"އިންނެވެ. ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ގެނެސްދިން އެ ފިލްމަށްފަހު ހަރްޝް މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ފޯސް 3" އަކީ އެކްޓަރު ޖޯން އަބްރަހަމްގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ފިލްމެކެވެ.