ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ދެން ކުރިއަށް ނުދާނެ ކަމަށާއި އެ ކަންތައްތަކަށް ހައްލު ހޯދަން ޖެހޭނީ މަޖިލީހުގެ ތެރެއިން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އޯލްޕާޓީ ޓޯކްސްގެ މޮޑަރޭޓާ، އަހުމަދު މުޖުތަބާ އެ މަގާމުން އިސްތިއުފާދެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސަން އޮންލައިންއަށް ދެއްވި އިންޓަވިއެއްގައި ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ޕާޓީތަކުގެ ވާހަކަތަކައިގެން އެމްޑީޕީން ބައިވެރިވާން ބޭނުން ނުވާ ކަމަށާއި އެމްޑީޕީން މަޝްވަރާތަކާއި ދުރަށް ޖެހޭނަމަ އެހެން ބޭފުޅަކު އައްޔަން ކޮށްގެންވެސް މަޝްވަރާތައް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ.

"މިހާރު ހަބަރުތައް މިލިބެނީ އެމްޑީޕީން ދާއިމީކޮށް މި ވާހަކަތައް ހުއްޓާލީ ކަމަށް، ސަރުކާރުން އެދެނީ ސިޔާސީ ޕާޓީތަކުގެ ވާހަކަތަކުން އެކަށައެޅުނު އެޖެންޑާގައި ހުރި ކަންތައްތައް، އަލަށް އުފަންކުރަން ޖެހޭ ގާނޫނުތަކާއި ބަޖެޓުގެ ހާލަތާއި މިކަންތައްތައް މަޖިލީހުގެ ތެރެއިން ކުރިއަށް ދާނެ ކަމަށް، މަޖިލީހުގައި ހިމެނޭ ޕާޓީތަކުން މިކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ،" އައްބާސް ވިދާޅުވި އެވެ. "ސަރުކާރުން މިހާރު ގަބޫލެއް ނުކުރަން ދެން މި ވާހަކަތައް ކުރިއަށްދާނެ ކަމަކަށް،"

ވާހަކަތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލާފައި ވަނިކޮށް އެ ވާހަކަތަކުން އެމްޑީޕީ ވަކިވާން ނިންމު ނިންމުން ސަރުކާރުން ކުއްވެރި ކުރާ ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ އަމަލުތަކާ މެދު ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުގެ އިސްނެގުމަށް ފެބުރުއަރީ މަހުގެ ފަހުކޮޅު ފެށި މަޝްވަރާތަކުގެ ވިލަރެސްވެރިޔާގެ މަގާމުން މުޖުތަބާ މިއަދު ކުއްލިގޮތަކަށް އިސްތިއުފާދެއްވީ އެމްޑީޕީން މަޝްވަރާތަކުން ވަކިވުމާއި އަދި ޕާޓީތަކުގެ މަޝްވަރާތައް މަޖިލީހުގެ ތެރޭގައި ކުރިއަށް ގެންދަން ފެންކަމަށް ވިދާޅުވަމުންނެވެ.

މަޝްވަރާތަކުގެ ވިލަރެސްވެރިޔާ ކަމަށް މުޖުތަބާ ހަމަޖައްސަވާފައި ވަނީ ފެބްރުއަރީ 18، 2012 އިގަ އެވެ.

މުޖުތަބާ އިސްތިއުފާދެއްވާފައި މިވަނީ މިއަދު ހަވީރު 4:00 -6:00 އަށް ލީޑާޒް ޑައިލޮގްގެ ދެ ވަނަ ބައްދަލުވުން ބޭއްވުމަށް ޕާޓީތަކަށް ނޯޓިސް ވެސް ފޮނުވާފައި ވަނި ކޮށެވެ. އެ ބައްދަލުވުމުގައި އެމްޑީޕީ ބައިވެރިވެ ނުވާނެކަން ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަކުން ވަނީ ނިންމައިފަ އެވެ. އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ.

އޯލްޕާޓީ ޓޯކްސްގެ ނަމުގައި ޕާޓީތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު ސަރުކާރުގެ އިސްނެގުމުގެ މަތިންނެވެ. އަދި އެ ވާހަކަކުގެ ނަން "ލީޑާޒް ޑައިލޮގަ"ށް ބަދަލުކޮށް ހަމައެކަނި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާތައް ފެށީ ކޯނީގެ ރިޕޯޓަށް ފަހު މި މަހުގެ ކުރީކޮޅުގަ އެވެ.

ލީޑާޒް ޑައިލޮގްގެ ފުރަތަމަ ބައްދަލުވުން އޮތީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވެ ވަޑައިގަތް އެ ޕާޓީގެ ޗެއާޕާސަން، ރީކޯ މޫސާ މަނިކު ވަނީ އެ ޕާޓީ ސަރުކާރުގައި ބައިވެރިވުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުން ސަރުކާރުން ގަބޫލު ކޮށްފައެއްނުވެ އެވެ.

އެ މަޝްވަރާތަކުގައި 20 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި ނަމަވެސް އެ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނެރެވިފައެއްނުވެ އެވެ.