ކައްޓަލަ: ފައިދާތަކުން ފުރިފައިވާ ފަލަމަޑީގެ ބާވަތެއް
ކައްޓަލަ: ފައިދާތަކުން ފުރިފައިވާ ފަލަމަޑީގެ ބާވަތެއް

ކައްޓަލަ އަކީ ޒަމާނުއްސުރެ ދިވެހީން ކެއުމުގައި ބޭނުންކުރަމުން އަންނަ ވަރަށް މުހިއްމު ފަލަމަޑީގެ ބާވަތެކެވެ.

ކައްޓަލަ: ފައިދާތަކުން ފުރިފައިވާ ފަލަމަޑީގެ ބާވަތެއް
ކައްޓަލަ: ފައިދާތަކުން ފުރިފައިވާ ފަލަމަޑީގެ ބާވަތެއް

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި މިހާރުވެސް ހައްދަމުން އަންނަ ފަލަމަޑީގެ މި ބާވަތަކީ އެއް ޒަމާނެއްގައި އަޅުގަނޑުމެންގެ ކާބަފައިން ވެސް އެ ކެއުމަކަށް ބަރޯސާވީ އެއް ކާނާއެވެ.

އަނގަޔަށް މީރު ފަސޭހައިން ކައްކާލެވޭ ކައްޓަލައިގެ އެކި ކުލަތައް ބާޒާރުން މިހާރު ލިބެންހުރި ނަމަވެސް އާއްމުކޮށް ދިވެހީން ކެއުމުގައި ބޭނުންކުރަނީ މީގެ ހުދުކުލައިގެ ވައްތެރެވެ. ކައްޓަލައިގެ މީރުކަމާ އެއްވަރަށް މިއީ ހަށިގަނޑަށް އެއިން ސިއްހީ ގިނަ ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ.

ކައްޓަލައިން ހަށިގަނޑަށް ލިބޭ ބައެއް ސިއްހީ ފައިދާތަކާ ގުޅޭގޮތުން އެމެރިކާގެ އެޓްލާންޓާގެ ރެޖިސްޓަޑް ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް ޖެރިލީން ޖޯންސް ވިދާޅުވެފައިވާ ގޮތުގައި، މީގެ ކޮންމެ މިންވަރަކުން ވެސް ވިޓަމިން އޭ، ވިޓަމިން ސީ އަދި މެންގަނީޒް ފަދަ މާއްދާތައް ގިނަ އަދަދަކަށް ލިބިދެއެވެ.

މީގެ އިތުރުން، މިއީ ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ބާވަތެކެވެ. ހަމައެއާއެކު ކައްޓަލަ އަކީ ވިޓަމިން، މިނަރަލް، އެންޓިއޮކްސިޑެންޓް އަދި ފައިބާގެ މާއްދާއިން މުއްސަނދި ބާވަތެކެވެ.

ކައްޓަލަ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފްރައިސް--ފޮޓޯ/ޕިންޓްރެސްޓް

ކައްޓަލައިގައި ހިމެނޭ މުހިއްމު މާއްދާތަކުގެތެރޭ، ކާބޯހައިޑްރޭޓްސް، ޕްރޮޓީން، ފެޓް، ވިޓަމިން އޭ، ވިޓަމިން ސީ އަދި މެގްނީޒިއަމް ހިމެނެއެވެ.

ޚާއްސަކޮށް އޮރެންޖު އަދި ދަނބު ކުލައިގައި ހުންނަ ކައްޓަލަ އަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓްސް ގިނަ އެއްޗެކެވެ. މީގެ ސަބަބުން ކެންސަރާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކައްޓަލަ ކެއުމުގެ ސަބަބުން ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ބަނޑުހަރުވުމުން ސަލާމަތްކޮށްދީ، ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތައް އިތުރުކޮށްދެއެވެ. މީގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ޑައިޓީޝަން ޖެރިލީން ޖޯންސް ވިދާޅުވެފައިވެއެވެ.

ކައްޓަލަ ހިމަނައިގެން ތައްޔާރުކޮށްފައިވާ ދިވެހި ކެއުމެއް--ފޮޓޯ/ފޭސްބުކް

ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ދަނބު ކުލައިގެ ކައްޓަލައިގައި ހިމެނޭ "އެންތޯސިއަނިންސް" ކިޔާ އެންޓިއޮކްސިޑެންޓަށް ލިބިފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ހަމައެއާއެކު ކައްޓަލައިގެ ތޮށީގައި ވެސް ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތައް ހިމެނޭކަމަށް ފަހުގެ ދިރާސާތަކުން އެނގިފައިވާ ކަމަށް ޑައިޓީޝަން ޖެރިލީން ޖޯންސް ވިދާޅުވެފައިވެއެވެ.

ދަނބު ކުލައިގެ ކައްޓަލަ ކެއުމަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ ކަމެކެވެ. އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވެ، ހަނދާން ބަލިވުމުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. ތަރުކާރީ އާއި މޭވާ ގިނައިން ކެއުމަކީ ސިކުނޑީގެ ބަލިތައް ޖެހުމުގެ ފުރުސަތު 13 ޕަސެންޓް ކުޑަކޮށްދޭ ކަމެކެވެ.

އޮރެންޖު ކުލައިގެ ކައްޓަލައަކީ ބީޓާ ކެރޮޓީން ލިބޭ އެންމެ ރަނގަޅު އެއް މަސްދަރެވެ. މިއީ ވިޓަމިން އޭ އަށް ބަދަލުވެ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. ވިޓަމިން އޭ މަދުވުމަކީ ދިފާއީ ނިޒާމު ބަލިކަށިވާ ކަމެކެވެ. އަދި މިއީ ގޮހޮރުގެ ދުޅަހެޔޮކަމަށްވެސް މުހިންމު އެއްޗަކަށް ވާތީ، ބަލިތަކުން ހަށިގަނޑު ރައްކާތެރިކުރުމުގައި ބޮޑު ދައުރެއް އަދާކުރެއެވެ.

އާއްމުކޮށް އަޅުގަނޑުމެން ކެއުމުގައި ކައްޓަލަ ބޭނުންކުރަނީ ފެނު ކައްކައިގެންނެވެ. ނަމަވެސް މިއީ ފިހެގެންވެސް އަދި ޗިޕްސްގެ ގޮތުގައި ތެލުލައިގެން ވެސް ގިނަ ބަޔަކު ކެއުމުގައި ބޭނުންކުރާ ބާވަތެކެވެ.